Ads by Ministry of Arts, Culture and Heritage

ޚަބަރު

ފައިނޭންސް ފޯރަމް: މާލީ ނިޒާމަށް އަންނަ ބަދަލުތަކާއި ކުދި ޤައުމުތަކުގެ ގޮންޖެހުންތަކަށް އަލިއަޅުވާލައިފި

ފައިނޭންސް ފޯރަމް: މާލީ ނިޒާމަށް އަންނަ ބަދަލުތަކާއި ކުދި ޤައުމުތަކުގެ ގޮންޖެހުންތަކަށް އަލިއަޅުވާލައިފި

ޔޫ.އެން.ޑީ.ޕީގެ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އެސް.ޑީ.ޖީ ފައިނޭންސް ލީޑް މިސްޓަރ ޗާލްސް ޔޫ. ފޮޓޯ: ޕެންޝަން އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ނޮވެމްބަރު 2026، 03:13

15 ނޮވެމްބަރު 2026، 03:13

ދުނިޔޭގެ މާލީ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ގެ ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް މި އަހަރު ޚާއްޞަކޮށްފައި ވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ މައްޗަށެވެ.

މި ފޯރަމުގައި ޔޫ.އެން.ޑީ.ޕީގެ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އެސް.ޑީ.ޖީ ފައިނޭންސް ލީޑް މިސްޓަރ ޗާލްސް ޔޫ ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި، ދުނިޔޭގެ ތަރައްޤީގެ މާލީ ނިޒާމަށް ބަދަލުތަކެއް ގެންނަމުންދާ އޮނިގަނޑުގެ މައިގަނޑު ތިން ބަދަލެއް ފާހަގަކުރެއްވިއެވެ. 

އޭގެ ތެރޭގައި ހިމެނެނީ، ލޯނު ނެގުމުގެ ޚަރަދު ބޮޑުވުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް އަންނަ ބަދަލުތަކުގެ އިތުރުން ރަސްމީ ތަރައްޤީގެ އެހީ (އޯ.ޑީ.އޭ) ދަށްވުމެވެ.



މިސްޓަރ ޗާލްސް ޔޫ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އަސާސީ އިންޓްރެސްޓް ރޭޓްތައް މަތިވުމާއެކު، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި، ކާބޯތަކެއްޗާއި ހަކަތައިގެ އަގުތަކަށް އަންނަ ލޮޅުންތަކުގެ އިތުރުން އެލް ނީނިއޯ ފަދަ މޫސުމީ ކާރިސާތަކުގެ ސަބަބުން ކުރިއަރަމުން އަންނަ އިޤްތިޞާދުތަކާއި ޖަޒީރާ ޤައުމުތަކުގެ މާލީ ޖާގަ ދަނީ ހަނިވަމުންނެވެ. 

އަދި ދުނިޔޭގެ ސަރަޙައްދީ ވިޔަފާރިއާއި މުދާ ފޯރުކޮށްދިނުމުގެ ސަޕްލައި ޗޭންތައް މިހާރު ދަނީ ޚަރަދު ކުޑަކުރުމުގެ މޮޑެލްތަކުން، ވިލުންތެރިކަމާއި އެކުވެރި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ މައްޗަށް ބަދަލުވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ގޮތުން ބަދަލުކުރެވޭ ތަރައްޤީގެ އެހީ މަދުވަމުންދާތީ، ސްޓްރެޓީޖިކް އިންވެސްޓްމަންޓް އޮނިގަނޑުތަކަށާއި ޤައުމުގެ އެތެރޭގެ މާލީ ބާޒާރުތައް ފުޅާކުރުމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުކުރަންޖެހިފައިވާކަން ފޯރަމުގައި ފާހަގަކުރެއްވިއެވެ.

މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދަރަނީގެ އައު ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން، ދެމެހެއްޓެނިވިކަމާއި ގުޅިފައިވާ ބޮންޑުތައް (އެސް.އެލް.ބީ) ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ބަލައި ހޯދަމުންދާކަން އޭނާ ބަޔާންކުރެއްވިއެވެ. 

މިއީ މޫސުމާއި ތިމާވެށީގެ ކޭ.ޕީ.އައި ތަކާއި ގުޅިފައިވާ އިންޓްރެސްޓް ރޭޓްތަކެއް އެކުލެވޭ މާލީ ވަސީލަތްތަކެކެވެ. މިގޮތުން އުރުގުއާއީ އަދި ތައިލެންޑް ފަދަ ޤައުމުތަކުން ދައްކުވައިދީފައިވާ ފަދައިން، ކަނޑައެޅޭ ދެމެހެއްޓެނިވި ލަނޑުދަނޑިތައް ޙާޞިލުވާ މިންވަރަށް ބަލައި ކޫޕަން ރޭޓްތައް މަތިވާ ނުވަތަ ދަށްވާ އުސޫލުތައް އެފަދަ ވަސީލަތްތަކުގައި ބޭނުންކުރެވެއެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450