Ads by Farudhun

ޚަބަރު

ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއުގެ 67 އިންސައްތަ ނިމިއްޖެ

ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއުގެ 67 އިންސައްތަ ނިމިއްޖެ

ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއު ތެރެއިން/ ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

15 ނޮވެމްބަރު 2026، 12:44

15 ނޮވެމްބަރު 2026، 12:44

ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސައިޓުގައި 100 މީޓަރުގެ ކުއޭ ވޯލްއެއް ފަރުމާކޮށް އިމާރާތްކުރުމުގެ މަސައްކަތުގެ 67 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އައު ކީވޯލް އާ އިންވެގެންވާ މަގު ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މުޅި މަޝްރޫއުގެ ޖުމްލަ 67 އިންސައްތަ ވަނީ ނިމިފައެވެ. 

މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 1 ޖޫން 2026 ގައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީއެވެ. ޖުމްލަ 18.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.



މަޝްރޫއުގެ މުހިންމު ބައިތައް
މި މަޝްރޫއުގެ ދަށުން 100 މީޓަރުގެ ޑޮމެސްޓިކް ކުއޭ ވޯލްއެއް ހެދުމާއި، 6,775 އަކަމީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް އެޅުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ފުންކުރުމާއި، 112 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ އިތުރުން 30 ޓަނުގެ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި، މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. މިއީ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރެވޭ ސަރަހައްދެކެވެ.

ތިލަފުށީގައި ކުރިއަށްދާ މި މަސައްކަތަކީ މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ 11 ނޮވެމްބަރު 2027 ގެ ނިޔަލަށް ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް، މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި