ދުނިޔެ
ކޮންގޯގައި އެބޯލާ ޖެހުނު މީހުންގެ އަދަދު 11،000 އިން މައްޗަށް
ކޮންގޯގައި އެބޯލާއަށް ވެކްސިންދޭ ތަނެއް. ފޮޓޯ: އޭޕީ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ރޯގާ ޖެހުނު މީހުންގެ އަދަދު 11,042 އަށް އަރައި، އޭގެ ތެރެއިން މިހާތަނަށް މަދުވެގެން 5,387 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތައް އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު، މިއީ އެ ގައުމުގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެބޯލާގެ އެންމެ ވަރުގަދަ ކޭސްތަކެވެ.
މި ފަހަރުގެ ރޯގާ ފެތުރެނީ އެބޯލާ ވައިރަހުގެ މަދުން ނޫނީ ނުފެންނަ ވައްތަރެއް ކަމަށްވާ "ބުންޑިބުގްޔޯ" (Bundibugyo) ސްޓްރެއިންގެ ސަބަބުންނެވެ. މި ރޯގާ މިހާރު ވެފައިވަނީ ދުނިޔޭގެ ތާރީޚުގައި ވެސް ދެވަނައަށް އެންމެ ގިނަ ބަޔަކަށް ޖެހުނު އަދި ދެވަނައަށް އެންމެ ގިނަ މީހުން މަރުވި އެބޯލާ ރޯގާއަށެވެ.
މި ލިސްޓުގެ އެއްވަނައިގައި އޮތީ 2014 އިން 2016 އަށް ހުޅަނގު އެފްރިކާގައި ފެތުރުނު ރޯގާއެވެ. އެ ފަހަރު 28,600 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި، 11,000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
ޑީއާރުސީގެ 26 ޕްރޮވިންސްގެ ތެރެއިން 8 ޕްރޮވިންސަކަށް މި ރޯގާގެ އަސަރު މިހާރު ފޯރާފައިވާއިރު، ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ ސިއްހީ ފަރުވާދޭ މަރުކަޒުތަކުން ބޭރުގައެވެ. ބަލި ޖެހިފައިވާކަން ދެނެގަތުން ލަސްވުމާއި، ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރުން ސިއްހީ ޚިދުމަތްތަކަށް ބާރުބޮޑުވުމުގެ ސަބަބުން، ކުރީގެ ރޯގާތަކާ އަޅާބަލާއިރު މި ފަހަރު ވައިރަސް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ރޯގާ ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ "ބުންޑިބުގްޔޯ" ސްޓްރެއިންއަށް ޚާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާތީއެވެ. މި ވައްތަރުގެ ވައިރަސް ޖެހޭ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މަރުވެއެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެބޯލާގެ އާ ދެ ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ. އަދި އެ ޓްރަޔަލްތަކުގެ ނަތީޖާ 2027 ވަނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް އެ ޖަމްއިއްޔާއިން ލަފާކުރެއެވެ.
މި ރޯގާގެ ކޭސްތައް މިހާރު އިރުމަތީ އެފްރިކާއާއި، މެދުތެރޭ އެފްރިކާ އަދި ހުޅަނގު އެފްރިކާއިން ވެސް ފެންނަމުންދާތީ، މިއީ މިހާތަނަށް އެފްރިކާ ބައްރުގެ އެންމެ ބޮޑު ސަރަހައްދަކަށް ފެތުރިގެންދިޔަ އެބޯލާ ރޯގާ ކަމުގައި ވަނީ ވެފައެވެ.