ދުނިޔެ

ބޮމެއް އުފެއްދުމުގެ އަޑު ގަދަވި ނަމަވެސް، ނިއުކްލިއަރ މުއާހަދާ ދަމަހައްޓާނެ ކަމަށް އީރާނުން ބުނެފި

ބޮމެއް އުފެއްދުމުގެ އަޑު ގަދަވި ނަމަވެސް، ނިއުކްލިއަރ މުއާހަދާ ދަމަހައްޓާނެ ކަމަށް އީރާނުން ބުނެފި

އިރާންގެ ހަތިޔާރުތައް ދައްކާލުން. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2026، 11:25

11 ނޮވެމްބަރު 2026، 11:25

އެމެރިކާއާއެކު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިން މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި، ނިއުކްލިއަރ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (އެންޕީޓީ) އިން ވަކިނުވާނެ ކަމަށާއި އެ މުއާހަދާއަށް އިޙްތިރާމްކުރާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

 ނަމަވެސް އެ ޤައުމުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ފަރާތްތަކަށް އެ ތަންތަން ބަލައި ފާސްކުރުމުގެ ފުރިހަމަ ފުރުސަތު ދިނުން އަދިވެސް އޮތީ ދުރުގައެވެ.

އީރާނުގެ މައިގަނޑު ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާ އަދި އިސްރާއީލުން ދިން ހަމަލާތަކާއި އިސް ވެރިން އަވަހާރަކޮށްލުމާ ގުޅިގެން، އެންޕީޓީ މުއާހަދާ ދޫކޮށްލުމަށްފަހު ނިއުކްލިއަރ ބޮމެއް އުފެއްދުމަށް އީރާނުގެ ސަރުކާރުގެ ތެރޭގައި ދަނީ ބަހުސްތައް ފުޅާވަމުންނެވެ. އަދި ނަތަންޒް ނިއުކްލިއަރ މަރުކަޒު ކައިރީގައިވާ ބިމުގެ އަޑީގެ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާއެކު، އީރާނުގެ ނިއުކްލިއަރ ސިޔާސަތު ބަދަލުކުރުމަށް ތެހެރާންގެ ހަރުކަށި ފަރާތްތަކުން އަންނަނީ ބާރުއަޅަމުންނެވެ.

ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އާއެކު އޮތް އެއްބާރުލުން ވަކި މިންވަރަކަށް ހަނިކޮށްފައި ވީނަމަވެސް، އީރާނުން އެންޕީޓީ މުއާހަދާ ދަމަހައްޓާނެ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މި ޙާލަތު ދެމިއޮތްހާ ހިނދަކު އާދައިގެ އުސޫލުން އައިއޭއީއޭއާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ހަނގުރާމައިގައި ސީދާ ހަމަލާއެއް އަމާޒުނުވާ ބުޝެހްރު ނިއުކްލިއަރ އިންޖީނުގެ ބަލައި ފާސްކުރުމުގެ ފުރުސަތު އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ދާދިފަހުން ދީފައިވާކަން ތަރުޖަމާނު ކަށަވަރުކޮށްދެއްވިއެވެ.

ބައިނަލްއަޤްވާމީ ތަހުލީލުވެރިން ފާހަގަކުރާ ގޮތުގައި، ބުޝެހްރު ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަކީ ޑިޕްލޮމެޓިކް މަޝްވަރާތައް ދިރުވައި، އެތެރޭގެ ހަރުކަށި ވިސްނުންތައް މައިތިރިކުރުމަށް އީރާނުން އެޅި ފިޔަވަޅެކެވެ. ނަމަވެސް ނަތަންޒް، ފޯޑޯ އަދި އިސްފަހާން ފަދަ މުހިންމު ބިމުގެ އަޑީގެ މަރުކަޒުތަކަށް ބައިނަލްއަޤްވާމީ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ދިނުމަކީ، އެ ތަންތަނުގެ ސިއްރު މަޢުލޫމާތު އެމެރިކާއާއި އިސްރާއީލަށް ލިބި އިތުރު ހަމަލާތަކަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް އީރާނުން ދެކެއެވެ.

އަނެއްކޮޅުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހާމަކޮށްފައިވަނީ، ޤައުމުގެ ނިއުކްލިއަރ ސިޔާސަތު ބަދަލުކުރުމަށް ނިންމައިފިނަމަ އެކަމަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކުރާނެ ކަމަށެވެ. އެހެންނަމަވެސް، ޤަތަރާއި ޕާކިސްތާނު ފަދަ ސަރަޙައްދީ މެދުވެރިން މެދުވެރިކޮށް، ހަނގުރާމަ އިތުރަށް ފުޅާވިޔަނުދީ ސުލްޙަވެރި ހައްލެއް ހޯދުމަށް ދެފަރާތުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450