ދުނިޔެ

އީރާނަށް ޙަމަލާދިނުން މި ވަގުތަށް މަޑުޖައްސާލުމަށް ޓްރަމްޕް ނިންމައިފި

އީރާނަށް ޙަމަލާދިނުން މި ވަގުތަށް މަޑުޖައްސާލުމަށް ޓްރަމްޕް ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ނޮވެމްބަރު 2026، 03:11

10 ނޮވެމްބަރު 2026، 03:11

އީރާނާ ދެކޮޅަށް އަސްކަރީ އައު ހަމަލާތަކެއް ދިނުން މި ވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ބުނެފިއެވެ. 

ވައިޓް ހައުސްގައި ބޭއްވުނު މަޝްވަރާތަކަކަށް ފަހު ޓްރަމްޕް ބުނީ މި ނިންމުން ނިންމީ ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރައިން އަދި ކުވެއިތު ހިމެނޭ ގޮތަށް ސަރަހައްދުގެ ގައުމުތަކުން އެދުމާ ގުޅިގެން ކަމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ބްރީފިންގ ރޫމުގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ހޮރްމުޒް ކަނޑުއޮޅީގައި ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް މިވަގުތަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އެމެރިކާ އޮތީ ދުނިޔޭގައި އުފައްދާފައިވާ އެންމެ ފުރިހަމަ ހަތިޔާރާއެކު ހަނގުރާމައަށް ތައްޔާރުވެގެން ކަމަށާއި، އެ ތަކެތި ބޭނުންކުރަން ޖެހޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ވެސް ޓްރަމްޕް ފާހަގަކުރިއެވެ. 

އިސްރާއީލާ ގުޅިގެން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައަށް 8 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ބޮޑު ހަނގުރާމައެއް އަލުން ފެށުމުގެ ފުރުސަތު ކުޑަކަމަށް ޓްރަމްޕް ދެއްކެވި ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އީރާނުން މިހާރު ހުށަހަޅާފައިވާ ހަތް ޝަރުތުގެ މައްޗަށް އެކުލެވޭ ޕްލޭން ގަބޫލުކުރަން އެމެރިކާއިން ދަނީ ދެކޮޅު ހަދަމުންނެވެ. 

އީރާނުގެ ހުށަހެޅުމުގައި ބަނދަރުތަކުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމާއި، ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމާއި، ބޮންއެޅުން ހުއްޓާލުން ހިމެނޭއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އެ ޝަރުތުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނަމުންދަނީ މިއީ މިވަގުތަށް އޮތް އެންމެ އެކަށީގެންވާ ހައްލު ކަމަށެވެ.

ސިޔާސީ ގޮތުން ހައްލެއް ހޯދުމަށް ދަތިތަކެއް ހުރިކަމަށް ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ފާހަގަކުރެއެވެ. ޔޫއޭއީގެ އިސް އޮފިޝަލެއް ކަމަށްވާ އަންވަރު ގަރްގާޝް ވިދާޅުވީ ސަރަހައްދީ ހަމަޖެހުމެއް އޮންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި، ދިގުދެމިގެންދާ ނުތަނަވަސްކަމަކަށް ތައްޔާރުވާންޖެހޭ ކަމަށެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ މައްސަލަތައް ޑިޕްލޮމެސީގެ ޒަރީއާއިން ހައްލުކުރުމަށް ބާރުއަޅުއްވާފައެވެ.

ޑިޕްލޮމެޓިކް ވާހަކަތައް ކުރިއަށްދިޔަ ނަމަވެސް، ދެފަރާތުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް އަދިވެސް ދަނީ ހިނގަމުންނެވެ. އީރާނުގެ ގޭޝްމް ޖަޒީރާގައި ހުރި ރާޑަރުތަކަށާއި މިސައިލް އަދި ކަނޑުއަޑީގެ މައިން އެޅުމުގެ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށްދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި 11 ތެޔޮ ޓޭންކަރެއް ވަނީ ހަލާކުކޮށްލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450