ދުނިޔެ

އިސްރާއީލު ސިފައިން ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި އިސްރާއިލް ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ނޮވެމްބަރު 2026، 01:45

10 ނޮވެމްބަރު 2026، 01:45

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ބުރުޤާއަށް ދިން ރެއިޑެއްގައި، އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 14 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދުކޮށް، އިތުރު ދެ ކުއްޖަކު ޒަޚަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ހަމަލާގައި ޝަހީދުވެފައިވަނީ މުޢުތަޒް އިޔާދު ދަޣްލަސް ނަމަކަށް ކިޔާ ކުއްޖެކެވެ. އަދި އޭނާގެ ހަށިގަނޑު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި މި ހާދިސާގައި ޒަޚަމްވި އަނެއް ދެ ޒުވާނުންގެ ތެރެއިން 17 އަހަރުގެ ކުއްޖެއްގެ ބަނޑަށާއި އުނަގަނޑަށް ބަޑީގެ ވަޒަން އަރާފައިވާއިރު، 19 އަހަރުގެ ޒުވާނެއްގެ އަތަށް ވަނީ ވަޒަން އަރައި ޒަޚަމްވެފައެވެ.

ނާބުލުސް ސިޓީ ކައިރީގައި އޮންނަ ބުރުޤާގައި ބަޑިޖެހިކަން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިފައިން ބަޑިޖަހާފައިވަނީ އިސްރާއީލުގެ އުޅަނދުތަކަށް އަމާޒުކޮށް ފަލަސްތީނު މީހުން ގާއުކުން ހުއްޓުވުމަށް ކަމަށާއި، ކުރިމަތިވި ނުރައްކާތެރިކަން ކުޑަކުރުމަށް ސިފައިން ދިން ހަމަލާތަކުގައި ބައެއް މީހުންގެ ގަޔަށް ވަޒަން އަރާފައިވާ ކަމަށެވެ.

ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލު ސިފައިން ވަނީ މުޢުތަޒްގެ ބައްޕަ ހައްޔަރުކޮށް، އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ދިޔަ އެމްބިއުލާންސަކަށް ހުރަސްއަޅާފައެވެ. މީގެއިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ޕަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ ތިން ވޮލަންޓިއަރު ޕެރާމެޑިކުން ވެސް ކުޑަ ވަގުތުކޮޅަކަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އދ. އިން ހާމަކުރާ ގޮތުގައި 7 އޮކްޓޫބަރު 2023 ގައި ހަމާސްއިން ދެކުނު އިސްރާއީލަށް ދިން ހަމަލާތަކާއި، އޭގެ ފަހުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އދ. ގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ފަހުން ހުޅަނގު އައްސޭރިން ފަލަސްތީނުގެ މަދުވެގެން 1،143 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 250 ކުޑަކުދިން ހިމެނޭއިރު، ޣައިރުޤާނޫނީ ޔަހޫދީ އާބާދީތަކުގެ ވަޒަންވެރިން ދިން ހަމަލާތަކުގައި މަރުވި މީހުން ވެސް މި އަދަދުގައި ހިމެނެއެވެ.

ކޮންފްލިކްޓް ޑޭޓާ ދިރާސާކުރާ އެކްލެޑް (ACLED) ޖަމާއަތުން ބުނާ ގޮތުގައި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ފެނުނު އެންމެ އަނިޔާވެރި ހަރަކާތްތައް ރެކޯޑުކުރެވޭ އަހަރަކަށް 2026 ވެގެންދާނެ ކަމަށް ބެލެވެއެވެ. ވަޒަންވެރިންގެ މިފަދަ ހަރުކަށި އަމަލުތައް އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ޚަލީލު (ހެބްރޮން)، ރާމަﷲ، ނާބުލުސް، ޖެނިން އަދި އަލްބީރޭ ފަދަ ސަރަހައްދުތަކަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450