Ads by Ministry of Arts, Culture and Heritage

ޚަބަރު

އިސްރާއީލު މީހުންނަށް ރާއްޖެއިން ޕްރޮޕަޓީ ނުގަނެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލު މަޖިލީހަށް ހުށަހަޅައިފި

އިސްރާއީލު މީހުންނަށް ރާއްޖެއިން ޕްރޮޕަޓީ ނުގަނެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލު މަޖިލީހަށް ހުށަހަޅައިފި

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން - ފޮޓޯ: ސަންގު ނިއުސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ނޮވެމްބަރު 2026، 10:34

09 ނޮވެމްބަރު 2026، 10:34

ދިވެހިރާއްޖޭގައި ހިންގާ ރިއަލް އެސްޓޭޓްގެ ހުރިހާ މުއާމަލާތްތަކާއި ވިޔަފާރިތައް ހަރުދަނާ އުސޫލެއްގެ ދަށުން ރެގިއުލޭޓް ކުރުމުގެ ބޭނުމުގައި، ސަރުކާރުގެ ފަރާތުން ހުށަހެޅި ޚާއްޞަ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ. މި ބިލުގައިވާ ގޮތުން އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގެ ރިއަލް އެސްޓޭޓް ޒޯނަކުން އެއްވެސް ބާވަތެއްގެ ޕްރޮޕަޓީއެއް މިލްކުކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ތަޢާރަފުކޮށްދެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ރިއަލް އެސްޓޭޓް ދާއިރާ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމެވެ. އެގޮތުން، މި ދާއިރާއާ ގުޅޭ އެންމެހައި މުހިންމު ސިޔާސަތުތައް އެކުލަވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމުގައި ޚާއްޞަ މުއައްސަސާއެއް އުފެއްދުމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

އަލަށް އުފައްދާ މި އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، މި ވިޔަފާރީގެ މެދުވެރިން ކަމަށްވާ ބްރޯކަރުންނާއި އެޖެންޓުންނަށް ލައިސެންސް ދޫކުރުން ހިމެނެއެވެ. މީގެ އިތުރުން މަޝްރޫޢުތައް ރަޖިސްޓްރީކުރުމާއި، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން މޮނިޓަރ ކުރުމާއި، މުދަލުގެ ރަޖިސްޓްރީއާއި ދަފުތަރު ބެލެހެއްޓުމުގެ އިތުރުން ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަށަވަރުކުރުން ވެސް މި އިދާރާގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރަން ޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށެވެ. އަދި މަޝްރޫޢު ހިންގާ މަރުޙަލާގައި ވެސް ޕްރޮޖެކްޓަށް ޚާއްޞަ އެކައުންޓެއް ރާއްޖޭގެ ބޭންކެއްގައި ޤާއިމުކުރަން ލާޒިމުކުރެއެވެ.

އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި:

  • މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ގެނައުން.
  • އެފަދަ ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދުގައި އެންމެ ކުޑަމިނުން 200 ހެކްޓަރު ހުރުން.
    ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމުގައި ކަނޑައެޅުން.
  • ޕްރޮޕަޓީތައް ވިއްކައިގެންނާއި ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ މަދުވެގެން 10 އިންސައްތަ ދަޢުލަތަށް ދެއްކުން.

މީގެއިތުރުން، މިފަދަ އެއްވެސް ޒޯނެއްގައި މާތްވެގެންވާ އިސްލާމްދީނާ ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ޙަރަކާތެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. އަދި ވަކި އެއް ޤައުމެއްގެ ބަޔަކަށް އެއް ޒޯނަކުން މިލްކުކުރެވޭނީ ޕްރޮޕަޓީތަކުގެ އެންމެ ގިނަވެގެން 25 އިންސައްތަކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެކަން ކަށަވަރުކުރުމުގެ ގޮތުން، ރާއްޖެއިން މިފަދަ މުދަލެއް ގަންނަން ހުށަހަޅާ ކޮންމެ މީހެއްގެ ޤައުމިއްޔަތު ވަރަށް ރަނގަޅަށް ބަލައި ޔަޤީންކުރުމަށް މި ބިލު މެދުވެރިކޮށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ޑިވެލޮޕަރުންނަށް ވަނީ ލާޒިމުކޮށްފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450