ޚަބަރު
ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ހުޅުވި ގޮފި--
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ލ. ގަމުގައި އައު ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ލ. ގަން ގޮފި އިފްތިތާޙުކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ.
މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ގަން ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގެ ތެރެއިން، އެ ގޮފީގައި ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު ގަމު ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއްކަން ވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މުޅި ރާއްޖެއަށް ޤުރްއާނުގެ ތަޢުލީމު ފުޅާކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިތުރު 9 ގޮތްޕެއް ރަޖިސްޓްރީކުރުމުގެ އިދާރީ މަރުޙަލާތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުން އިތުރު 12 ރަށެއްގައި މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޤާއިމުކުރުމަށްޓަކައި މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.
އެގޮތުން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތަކީ ދައުލަތުގެ ބަޖެޓުން ފުރިހަމައަށް ޚަރަދުކުރެވިގެން ބާއްވާ، އަދި ރާއްޖޭގެ ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން އެންމެ އަގުބޮޑެތި އިނާމުތައް ދެވޭ މުބާރާތުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ވަނީ ދެގުނައަށް ބޮޑުކުރައްވާފައެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ހިފްޡުކޮށް ނިންމަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބޭއްވުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު، ރާއްޖޭގައި ޤުރްއާނުގެ ތަޢުލީމަށާއި، އެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ އެކި ޕްރޮގްރާމްތަކަށް މާލީގޮތުން ދަތިނުވެ، ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގެ މަޤްޞަދުގައި، ކީރިތި ޤުރްއާނަށް ޚާއްޞަ ވަޤުފް މަޝްރޫޢުތަކެއް ފެށުމުގެ ޢަމަލީ މަސައްކަތްތައްވެސް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.