ޚަބަރު
ފަސްތަރީގެ ހޮޓާ މެންހަޓަން ގްރޭންޑް ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވައިފި
މެންހަޓަން ގްރޭންޑް ހޮޓެލް. ފޮޓޯ: މެންހަޓަން
މާލެ ސަރަހައްދުގައި މިހާތަނަށް ތަރައްގީކުރި އެންމެ ޖާގަ ތަނަވަސް ފަސްތަރީގެ ހޮޓާ ކަމަށްވާ "މެންހަޓަން ގްރޭންޑް ހޮޓެލް" ކުލަގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ މި މަތީ ފަންތީގެ ހޮޓާ ރަސްމީކޮށް ހުޅުއްވައިދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ. ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ހޮޓަލުން ވިޔަފާރި އުސޫލުން އަގުދައްކައިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިރޭ ވަނީ ހަވާ އަރުވާފައެވެ.
ފަސްތަރީގެ ފެންވަރުގެ ޚިދުމަތްތަކާއެކު ތަރައްގީކޮށްފައިވާ މި ހޮޓަލުގައި 162 ކޮޓަރި ހިމެނެއެވެ. އަދި އެކި ބާވަތްތަކުގެ ކެއުންތައް ލިބޭނެ ހަތަރު ރެސްޓޯރެންޓާއި، ތަފާތު ހަފުލާތަކާއި ބައްދަލުވުންތައް ބޭއްވޭ ފެންވަރުގެ ހަތަރު މާލަމުގެ އިތުރުން ޒަމާނީ ޖިމަކާއި، ސްޕާ އަދި ފަތާ ފެންގަނޑެއް ހޮޓަލުގައި ގާއިމުކޮށްފައިވެއެވެ.
މި ހޮޓާ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފެށީ މީގެ 20 އަހަރު ކުރިންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މި ސަރުކާރުން އަމިއްލަ އިންވެސްޓަރަކާ ހަވާލުކޮށްގެން މަސައްކަތް އަލުން ފަށައި ހަލުވި ދުވެއްޔެއްގައި ނިންމާލީއެވެ. މި މަޝްރޫއު ނިންމާފައިވަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މެންހަޓަން ގްރޭންޑް ހޮޓަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް 10 މިނެޓުގެ ތެރޭގައި ދެވޭހާ ކައިރީގައި، ދަތުރުފަތުރަށް ފަސޭހަ ސަރަހައްދެއްގައި ހުންނަ ހޮޓަލެކެވެ.
އަލިބެ
08/11/2026 10:11
މިއީ މައުމޫނަށް ފަހު ރާއްޖޭގެ ވެރިކަމަށް އައި ކޮންމެ މީހަކަށް ދިމާވި ބޮޑު ޗެލެންޖެކެވެ. އެންމެން ފެއިލްވި މި މަޝްރޫއު، މި ނިންމާލީ ޑޮކްޓަރ މުއިއްޒުގެ ރިޔާސަތުގައެވެ. ދެ އަހަރު ތެރޭގައި އިންވެސްޓަރެއް ހޯދާ، އިމާރާތްކޮށް ނިންމާ ހުޅުވާނެ ގޮތެއް، ކުރާނެ ބަޔަކު ހޯދާ އެކަން ކާމިޔާބު ކުރީއެވެ. ޝުކްރިއްޔާ!