ޚަބަރު
ކޮޕް31 ގެ ލީޑާސް ސަމިޓުގައި ރައީސް ބައިވެރިވެވަޑައިގެންފި
ކޮޕް31ގެ ލީޑާސް ސަމިޓް ހުޅުވުން. ފޮޓޯ: ރައީސް އޮފީސް
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައި ބޭއްވި "އަންތާލިޔާ ލީޑާސް ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށާއި، ހުރިހާ ޤައުމުތަކެއް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން އެއްތަންވެ ބާއްވާ މުހިންމު ބައްދަލުވުމެކެވެ. ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓުގެ ހައި-ލެވެލް ސެގްމެންޓުގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބަޔާނުގައި، މޫސުމީ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ ކުދި ޖަޒީރާ ޤައުމުތަކަށް ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ގެއްލުމާއި ހަލާކުގެ ބަދަލު ހޯދުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރާއްޖެއިން ވަކާލާތުކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށްވެސް އަލިއަޅުއްވާލައްވާނެއެވެ.
His Excellency President Dr @MMuizzu attends the opening session of the Antalya Leaders' Summit at COP31. The summit brings together world leaders to advance global cooperation and collective action on climate change. #MaldivesAtCOP31 #COP31 https://t.co/w2qnUxWnSN
— The President's Office (@presidencymv) November 11, 2026
މި ދަތުރުފުޅުގެ ތެރެއިން ސަމިޓުގެ އެކި ވަށްމޭޒު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކުގެ އިސްވެރިންނާ އެކު ދޭދޭ މަޝްވަރާތައް ބޭއްވެވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.