ދުނިޔެ

އީރާން-އެމެރިކާ އެއްބަސްވުމަކާ ދުރުގައި؛ ހަމަލާތަކަށް ތައްޔާރު ކަމަށް ޓްރަމްޕް ބުނެފި

އީރާން-އެމެރިކާ އެއްބަސްވުމަކާ ދުރުގައި؛ ހަމަލާތަކަށް ތައްޔާރު ކަމަށް ޓްރަމްޕް ބުނެފި

އިރާނުގެ ޢަސްކަރިއްޔާގެ އޮފިޝަލެެއް. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2026، 09:54

04 ނޮވެމްބަރު 2026، 09:54

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވެވޭ އެއްބަސްވުމަކާ ދެ ޤައުމު އަދިވެސް ވަރަށް ދުރުގައިވާ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނިކޮށް، އެމެރިކާގެ އިންތިޚާބަށްފަހު އަސްކަރީ ހަމަލާތައް އަލުން ފެށުމުގެ ފުރުޞަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށް މަޝްވަރާތައް ކުރިއަށްގެންދާއިރު، އެމެރިކާ ސިފައިން ވަނީ އީރާނުގެ ޤެޝްމް ރަށުގައި ހުރި ވައިގެ ދިފާޢީ މިސައިލްތަކަށް އަމާޒުކޮށް ރޭގަނޑުގެ ވަގުތެއްގައި ހަމަލާތަކެއް ދީފައެވެ.

ފޮކްސް ނިއުސް ޗެނަލަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ ގިނަ ބަޔަކު މަރާލުމަކީ އޭނާ އެދޭ ގޮތް ނޫން ކަމަށާއި، ނަމަވެސް މަޖުބޫރުވެއްޖެ ޙާލަތެއްގައި އެ ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެއިތުރުން ފައިނޭންޝަލް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނި ގޮތުގައި، ހަމަލާ ދިނުމަށް އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. ނަމަވެސް އެފަދަ ހަމަލާއެއް ދޭންޖެހޭ ސަބަބެއް އަދި ނެތް ކަމަށާއި، ޔުރޭނިއަމް މުއްސަނދިކުރުމާ ގުޅޭގޮތުން ނުސީދާ މަޝްވަރާތައް ދަނީ ހިނގަމުންނެވެ.

އީރާނުގެ މަސްއޫލުވެރިން ބަޔާންކުރާ ގޮތުގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވޭނީ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމާއި، ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުން ހިމެނޭހެން އީރާނުން ހުށަހަޅާފައިވާ ހަތް ޝަރުތަށް އެމެރިކާއިން ފުރިހަމައަށް އިޖާބަދިނުމުންނެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙުސިން ރިޟާއީ ވިދާޅުވީ، އެމެރިކާގެ ޖަވާބުތައް އަދި ފުދޭ މިންވަރަކަށް ނެތް ކަމަށެވެ. މީގެއިތުރުން އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ ސަރަޙައްދީ ފެންވަރުގައާއި އޭގެ ބޭރުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖިދު އަލް-އަންޞާރީ ވިދާޅުވީ، ހަނގުރާމަ އިތުރަށް ފުޅާވިޔަނުދީ ސުލްޙަވެރި ޙައްލެއް ހޯދުމަށް ދެ ފަރާތާއެކުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެމެރިކާއާއި އީރާނުން މިހާރު ހުށަހެޅުންތައް މުރާޖަޢާ ކުރަމުންދާއިރު، ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި ދެ ފަރާތުގެ ރަސްމީ ޖަވާބެއް ލިބޭނެ ކަމަށް ބެލެވެއެވެ. ހަމައެއާއެކު، ބޭރުގެ އަސްކަރީ ނުފޫޒުތަކާ ނުލައި ސަރަޙައްދީ ސަލާމަތީ އައު އިންތިޒާމުތަކެއް ޤާއިމުކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއާއެކުވެސް ސިޔާސީ މަޝްވަރާތައް ކުރިއަށްދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450