ޚަބަރު
22 ފުލުހުންނާއެކު، ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 17 ފަށައިފި
ފުލުހުން...
22 ފުލުހުންނާއެކު، ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 17 ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މި ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެންނެވެ.
އެގޮތުން، މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ދެއްކެވި ވާހަކަފުޅުގައި، ފަސްޓްލައިން މެނޭޖަރސްއަކީ މުއައްސަސާގެ މެނޭޖްމަންޓު އަދި ފްރޮންޓްލައިން އޮފިސަރސް ގުޅުވައިދޭ ބުރިޖް ކަމަށްވުމާއެކު ހުރިހާ ބައިވެރިންނަކީ ވެސް ނަމޫނާ ފުލުހުންނަށް ވުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ވެސް ޕްރޮފެޝަނަލްވުމާ އަދި ނަޒާހާތްތެރިކަން އިސްކުރުމާއެކު އަހުލާގު ރަނގަޅު ކިޔަމަންތެރި ފުލުހުންތަކެއްގެ ގޮތުގައި ދެމިތިބުމަށް ވަނީ ހިތްވަރުދެއްވާފައެވެ.
މީގެ އިތުރުން، ޕްރޮގްރާމް ނިމިގެންދާއިރު ލީޑަރޝިޕް ހުނަރުތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ކަންކަން އެފެކްޓިވް ގޮތަކަށް ހައްލުކުރާނެ ގޮތްތައް ދަސްވެގެން ދާނެކަމަށާއި، ލިބިގެންދާ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގޮތުން އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ހެޔޮ ބަދަލެއް ގެނައުމަށް ބުރަކޮށް މަސައްކުރުމަށާއި އެކުވެރިންނަށް ބޯލަނބައި ކިޔަމަންތެރި ބައެއްގޮތުގައި ދެމިތިބުމަށް ނަސޭހަތްތެރިވެލެއްވިއެވެ. މި މަހު 19 އިން ފެށިގެން މަސްދުވަހުގެ މުއްދަތަށް މި ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން، ލ. ގަމުގައެވެ. މި ކޯހުގައި ބައިވެރިވަނީ ތ. އަތޮޅުން 9 ފުލުހުންނާއި ލ. އަތޮޅުން 13 ފުލުހުން ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި ކޯހަކީ ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދިއުމަށް ފަރުމާ ކުރެވިގެން، ހުރިހާ ރީޖަންތަކެއްގައި ތިބި ސާޖަންޓް އަދި ސީނިއަރ ސާޖަންޓް ރޭންކުގެ ފުލުހުންނަށް ހާއްސަކޮށްގެން، އެ ރީޖަންތަކުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. މި ކޯހުގެ ސަބަބުން، ފަސްޓްލައިން މެނޭޖަރުންގެ ލެވެލްގައި ގާނޫން ތަންފީޒުކުރުމަށް ބޭނުންވާ ޒަމާނީ އިލްމާއި، ހުނަރާއި، މައުލޫމާތު ލިބިގެންދާނެއެވެ.
މި ކޯހުގައި "ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް" ކިޔަވައިދޭނެއެވެ. ⭕ އިތުރު ތަފުސީލު: https://t.co/xGYwVlQF1y https://t.co/hodmv76PPu
— Maldives Police (@PoliceMv) October 21, 2026
މި ކޯހުގައި “ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް” ގެ އިތުރުން ކޯހުގައި ކިޔަވައިދެވޭ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ކުރިއަށް ގެންދާނެއެވެ. އަދި ޕްރެޒެންޓޭޝަން ސްކިލްސްއާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައިދޭނެއެވެ.
އޭގެ އިތުރުން، ކޯސް ނިންމާ ބައިވެރިންނަކީ ޑްރިލްގެ ކޮމާންޑުތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ ގޮތުން ޑްރިލް ކްލާސްތަކުގެ އިތުރުން، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ގޮތުން 7 ކިލޯ މީޓަރުގެ ދުވުމެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.