ޚަބަރު
އ.ދ. އިސްލާހުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އ.ދ.ގެ ޖެނެރަލް ސެކްރެޓަރީއާ ބައްދަލުކުރެއްވުން - 22 ސެޕްޓެންބަރު 2024
އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އ.ދ.) އިސްލާހުކުރުމަށާއި، ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އ.ދ. ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ގުޅުނުތާ 61 އަހަރު ފުރުނު މުނާސަބަތާ ގުޅިގެންނެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އ.ދ. އިސްލާހުކޮށް، ހުރިހާ ގައުމުތަކަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގަ އާއި، ދަރަނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އިއްވުމުގައި ރާއްޖެއިން އިސްދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރުގެ ތެރޭގައި އ.ދ. އިން ރާއްޖޭގެ ތަރައްގީއަށް ކޮށްދީފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން މަތީ ދަރަޖައަކަށް ދިއުމުގައި އ.ދ. އިން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހާސިލުކުރުމުގައިވެސް އދ. އާއެކު އޮންނަ ގުޅުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އ.ދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ބައިވެރިވުން އިތުރުވެ، ހާސިލުކޮށްފައިވާ ކާމިޔާބީތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އ.ދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސްކަމާއި، ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްކަން ރާއްޖެއިން ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން ރާއްޖެއަށް ލިބޭނެކަމަށާއި، ހިއުމަން ރައިޓްސް ކައުންސިލާއި ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ވާދަކުރަމުންދާކަންވެސް ރައީސް ހާމަކުރެއްވިއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި އ.ދ. ގެ ޗާޓަރުތަކަށް ރާއްޖެއިން އަބަދުވެސް އިހުތިރާމްކުރާނެކަން ކަށަވަރުކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ހުރިހާ ގައުމެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް މަޝްވަރާގެ އުސޫލުން ކަންކަން ނިންމައިގެން ކަމަށެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، 1965 ވަނަ އަހަރު ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބަލައިގަތުމާއި އެހީތެރިކަން ހޯދުމަށް ކަމަށްވިޔަސް، މިއަދު ރާއްޖެ އޮތީ އދ. ގެ ނިންމުންތައް ނިންމުމުގައާއި ދުނިޔޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މިއަށްވުރެ ބޮޑު ޒިންމާއެއް އުފުލުމަށް ތައްޔާރަށް ކަމަށެވެ.