ޚަބަރު
އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އެނދު
ނަލަ މޯލްޑިވްސް ރިސޯޓް. ފޮޓޯ: ޕީއެސްއެމް ނިއުސް
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފަސްހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1000އަށްވުރެ ގިނަ އެނދު ވަނީ ނެރެފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް ޖުމްލަ 68,578 އެނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވަނީ ޖުމްލަ 67,475 އެނދެވެ. އެހެންކަމުން މިއީ 1،103 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 68,500 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 45,891 އެނދާއި، ގެސްޓުހައުސްތަކުގެ 16,552 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,481 އެނދުގެ އިތުރުން ހޮޓާތަކުގެ 2,654 އެނދެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 179 ރިސޯޓު، 910 ގެސްޓުހައުސް، ސަފާރީތަކުގައި 172 އަދި 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,277 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ސެޕްޓެންބަރު 20 ވަނަ ދުވަހުގެ ނިޔަލަށް މުޅި ޖުމްލަ 1.5 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 1 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓުހައުސްތަކުގައި 3 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، 34,935 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ. އަދި ސަފާރީތަކުގައި 28,767 ފަތުރުވެރިންވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް އަންނަނީ ދެމުންނެވެ. އެގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ލޯކަލް ޓޫރިޒަމް ޚިޔާރުކުރަމުންދާއިރު، މިއީ ރަށްރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.