ޚަބަރު
މިދިޔަ މަހު 1000 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފި: އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ. ފޮޓޯ: ޕޮލިސް މީޑިއާ
ނިމިދިޔަ އޮގަސްޓު މަހުގެ ތެރޭގައި 1،000 އަށްވުރެ ގިނަ ކުށުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު އޮގަސްޓު މަހު ޖުމްލަ 1,095 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން، ވޭތުވެދިޔަ މަހު ރިޕޯޓުކުރި މައްސަލަތަކުގެ 31.1 އިންސައްތައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.
އޮގަސްޓު މަހު ފުލުހުންނަށް ހުށަހެޅުނު މައިގަނޑު މައްސަލަތަކުގެ ތަފްސީލު:
- މަސްތުވާތަކެއްޗާ ގުޅޭ މައްސަލަ: 341
- ވައްކަމުގެ މައްސަލަ: 258
- ޓްރެފިކް އެކްސިޑެންޓް: 212
- އެއްޗެހި ގެއްލިގެން ހުށަހެޅި މައްސަލަ: 88
- މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ: 65
- މާރާމާރީގެ މައްސަލަ: 42
- ޖިންސީ ކުށުގެ މައްސަލަ: 27
- ގެވެށި އަނިޔާގެ މައްސަލަ: 25
- ޚިޔާނާތްތެރިވުމުގެ މައްސަލަ: 17
- ފޯޖް ކުރުން (ލިޔެކިޔުން އޮޅުވާލުން): 11
- ފޭރުމުގެ މައްސަލަ: 9
މި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 9,012 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނައީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2,487 މައްސަލައަކާއި، ޓްރެފިކް އެކްސިޑެންޓްތަކާ ގުޅުންހުރި 2,159 މައްސަލައެއްގެ އިތުރުން މަސްތުވާތަކެތީގެ 1,915 މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ.
ރާއްޖެއަކީ ކުށްމަދު، އަމާން ވެށްޓަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އާންމުކޮށް ހިނގާ ކުށްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ޓްރެފިކް ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ފުލުހުން ދަނީ ހިންގަމުންނެވެ.
މީގެއިތުރުން، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އެ ވަބާ މުޅިން ފުހެލުމަށްޓަކައި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މައިގަނޑު ދެ އެޕްރޯޗަކަށެވެ. އެއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެ ތަކެތީގެ ވިޔަފާރިކޮށް ބެހުން ހުއްޓުވުމާއި، މި ވަބާގައި ޖެހިފައިވާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ފަރުވާގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.
ހަމައެއާއެކު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހަރުދަނާ މަސައްކަތްތަކާއެކު، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރެވި، މި މައްސަލަ އެންމެ ފުރިހަމައަށް ބަލަހައްޓާ މަދު ޤައުމުތަކުގެ ލިސްޓުން ރާއްޖެ ވަނީ ޖާގަ ހޯދާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީވެސް ރާއްޖޭގެ ޤާނޫނާއި ޤަވާޢިދު ނަގަހައްޓައި، އަމާން މާޙައުލެއް ޤާއިމުކުރުމަށް އެޅެމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.