Ads by Farudhun

ޚަބަރު

ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް، ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާއާ ބައްދަލުކުރެއްވުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ސެޕްޓެމްބަރު 2026، 08:28

21 ސެޕްޓެމްބަރު 2026، 08:28

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ޢާއިލާއާ ބައްދަލުކުރައްވައިފިއެވެ.

ކ. ކާށިދޫ އަދި ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކޮމިޝަނަރ ވަނީ ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެ އާއިލާއާއެކު ވަގުތު ހޭދަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ ވަނީ، ޝަހީދު ސާޖަންޓް އާދަމް ހަލީމް ގައުމީ ވާޖިބުގައި ފުރާނައިން ގުރުބާންވިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ޒިކުރާއަކީ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރި ހުންނާނެކަން ފާހަގަކުރައްވާފައެވެ.

އަދި އެތައް ދުވަހެއް ފާއިތުވެ ދިޔަ ނަމަވެސް، ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލި ފަހުރުވެރި އޮފިސަރުންގެ މަތިން ހަނދާންކުރުމާއި، އެ އޮފިސަރުންގެ އާއިލާތަކާ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަކީ ފުލުހުންގެ މުއައްސަސާއިން ހާއްސަ ސަމާލުކަމެއްދެއްވާ ކަމެއްކަން ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ސާޖަންޓް އާދަމް ޙަލީމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 7 އަހަރާއި 5 މަހާއި 27 ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އާދަމް ހަލީމް ވަނީ، ރ. އަތޮޅާއި، ބ. އަތޮޅު އަދި ކ. އަތޮޅުގައި ޚިދުމަތް ކުރައްވާފައެވެ.

ކާށިދޫގައި ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ގޭބަންދުގެ އަމުރަށް ނުކިޔަމަންތެރިވި ފަރާތެއް ހުއްޓުވުމުގެ ތެރޭގައި ދިން ހަމަލާއެއްގައި އާދަމް ޙަލީމް ޝަހީދުވީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އާދަމް ޙަލީމަކީ ޤާނޫނު ނެގެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ދިން ރަހުމުކުޑަ ހަމަލާއެއްގައި ދިވެހި ފުލުހުންގެ ތާރީޚުގައި ޝަހީދުވެދިޔަ އެންމެ ފުރަތަމަ ފުލުސް އޮފިސަރެވެ.

އެ ހާދިސާއާ ގުޅިގެން އެމަނިކުފާނުގެ ރޭންކް ވަނީ ޕޮލިސް ލާންސް ކޯޕްރަލް އިން ޕޮލިސް ސާޖަންޓް ރޭންކަށް ޝަހީދުވުމުގެ ފަހުން އުފުލައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް އަރުވާފައެވެ.

މީގެއިތުރުން، އާދަމް ޙަލީމް ޝަހީދުވި ދުވަހާ ގުޅުވައިގެން 2013 ވަނަ އަހަރުގެ ޖުލައި 23 އިން ފެށިގެން ކޮންމެ އަހަރަކު ވެސް "ޕޮލިސް މެމޯރިއަލް ޑޭ" ގެ ނަމުގައި ޚާއްޞަ ދުވަހެއް ފާހަގަކުރަމުން އަންނައިރު، މާލޭގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ވެސް ވަނީ ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ނަންފުޅު ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450