Ads by Farudhun

ޚަބަރު

ހުރާގައި ޒަކާތަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހިންގައިފި

ހުރާގައި ޒަކާތަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހިންގައިފި

ހުރާގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން / ފޮޓޯ: ޒަކާތު ހައުސް

farudhun logo

ފަރުދުން

27 އޯގަސްޓު 2026، 02:53

27 އޯގަސްޓު 2026، 02:53

ކ. ހުރާގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިވެރިން އަދި ސްކޫލް ދަރިވަރުން ޒަކާތަށް އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި ކ. ހުރާ ކައުންސިލް ގުޅިގެން، ޒަކާތާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ސިލްސިލާ ހަރަކާތްތަކެކެވެ.

މި ޕްރޮގްރާމުގެ ދަށުން ބުދަ ދުވަހުގެ ރޭ ވަނީ ހުރާގެ ޢާންމު ރައްޔިތުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ. މި ސެޝަނުގައި އިސްލާމްދީނުގައި، ޚާއްޞަކޮށް މުދަލު ޒަކާތަށް ދެއްވާފައިވާ އަހަންމިއްޔަތާއި ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް ވަނީ ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޒަކާތް ނެރެންޖެހޭ މުދަލުގެ ބާވަތްތަކާއި، ޒަކާތް ނެރޭނެ މިންވަރު ހިސާބުކުރާނެ ގޮތްތަކުގެ އިތުރުން، ރާއްޖޭގެ ޒަކާތުގެ ނިޒާމު ބައްޓަންވެފައިވާ ގޮތާއި ޒަކާތު ފަންޑުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ބައިވެރިންނާ ވަނީ ޙިއްޞާކޮށްފައެވެ.

މީގެއިތުރުން، ޒުވާން ޖީލު މި މުހިންމު ރުކުނަށް އަހުލުވެރިކުރުމުގެ ގޮތުން، ބުދަ ދުވަހުގެ މެންދުރުފަހު އެ ރަށު ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވެސް ވަނީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ހަމައެހެންމެ، ބުދަ ދުވަހުގެ މަޣްރިބު ނަމާދަށްފަހު އެ ރަށު ޒިންނޫރައިން މިސްކިތުގައި ވަނީ ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް އަލިއަޅުވާލައި ދީނީ ދަރުސެއް ދެއްވާފައެވެ. މި ދަރުސް ދެއްވީ ޒަކާތު ހައުސްގެ ވާޢިޡު މުޝްރިފް، އައްޝައިޚް ޢިއްޒައްދީން އަދުނާނެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ބުދަ ދުވަހުގެ ހަވީރުގެ ވަގުތުގައި ރަށުގެ ވިޔަފާރި މަރުކަޒުތަކަށް ޒިޔާރަތްކޮށް، ވިޔަފާރި މުދަލުން ޒަކާތް ނެރުމާ ގުޅޭގޮތުން ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަކާތުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، ރައްޔިތުން މި އަޅުކަމަށް އަހުލުވެރިކުރުވުމަށް މިފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ރޭވިފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450