ޚަބަރު
އަމާޒަކީ އިންޖިނިއަރިންނާއި ސައިންސްގެ ދާއިރާއިން މީހުން ތަމްރީނުކުރުން އިތުރުކުރުން : ރައީސް ޑރ. މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
އިންޖިނިއަރިން ދާއިރާއިންނާއި ސައިންސް ބޭސްޑް ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޖިނޭރުންގެ ޚިދުމަތް ފާހަގަކުރުމާއި، އެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މި ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުވުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން އިންޖިނިއަރިން ފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކުރަނީ ވަރަށް މަދު އަދަދެއްގެ ކުދިން ކަމަށެވެ.
ސައިންސް، މެތަމެޓިކްސް އިންޖިނިއަރިންއަށް ދަނީ ވަރަށް މަދުން. ބޮޑަށް ވިޔަފާރިއާއި މެނޭޖްމަންޓް، ޤާނޫނީ ދާއިރާތަކަށް މިދަނީ. އެއީވެސް މުހިއްމު ދިމަދިމާ. ރާއްޖޭގައި ވިޔަފާރި ކުރިއެރުމަށް، ޤާނޫނީ ދާއިރާ ކުރިއެރުވުމަށްވެސް ދިވެހިން ބޭނުންވޭ
ރައީސުލްޖުމްހޫރިއްޔާ
އެހެންކަމުން ސައިންސް ބޭސްޑް އަދި އިންޖިނިއަރިން ދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު އެއް މަޤްޞަދަކީ ސިވިލް އިންޖިނިއަރިން، އިލެކްޓްރޯނިކް އަދި މެކޭނިކަލް ފަދަ ދާއިރާތަކުން ދިވެހިން ތަމްރީންވުމަށް ޝައުޤުވެރިކަން އުފެއްދުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި މަޝްރޫޢުތަކަށް ބޭރުގެ އިންޖިނޭރުން ގެނައުމުގެ ބަދަލުގައި، ޤައުމުގެ ތަރައްޤީގެ މައިދާނުގައްޔާއި އިޤްތިޞާދުގައި ދިވެހި އިންޖިނޭރުން ހަރަކާތްތެރިވުމަކީ ޤައުމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިދިޔަ އަހަރުގައެވެ. މި ދުވަސް އެ ތާރީޚާ ގުޅުވާލައްވާފައިވަނީ ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބްރިޖު 2018 ވަނަ އަހަރުގެ އޯގަސްޓް 30 ގައި އިފްތިތާޙު ކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.
މިއަހަރުގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނޭރުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށް ޚާއްޞަ އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ ދިވެހި އިންޖިނޭރުންނާއި އެ ދާއިރާގެ އުފެއްދުންތެރި ފަންނުވެރިން ހޯދާ ކާމިޔާބީ ފާހަގަކޮށް، ޤައުމީ ތަރައްޤީގައި އެ ފަރާތްތަކުގެ ދައުރު ފާހަގަކުރުމެވެ. އަދި މި ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުވައި ތަޢުލީމު ޙާޞިލުކުރުމަށް ހިތްވަރު ދިނުމެވެ.މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު ޖުމްލަ 10 ގިންތިއަކުން ދިނުމަށް ވަނީ ނިންމާފައެވެ.