ޚަބަރު
ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭސް
މާލެ. ފޮޓޯ: ފަރުދުން
ވޭތުވެދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން މާލެ ސަރަހައްދުން 17 ކޭސްއެއް ރިޕޯޓް ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިގެން 243 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިހާތަނަށް 16،045 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިންޖަހާފައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި މާލެ ސަރަޙައްދުން ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން، އެޗްޕީއޭއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.
އަދި ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމަކަށްވުމާއި ގުޅިގެން، ބަލި މޮނީޓަރކުރުމާއި، ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ އިތުރުން ވެކްސިން ދިނުމުގެ ޚާއްޞަ ކެމްޕޭނެއް އެ އިދާރާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ #measles pic.twitter.com/PpeXTUvanT
— Health Protection Agency (@HPA_MV) August 25, 2026
ހިމަބިއްސަކީ އަވަހަށް ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުން، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ އެހެން މީހުންނާ ވަކިން އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
މި ބަލިން ރައްކާތެރިވުމަށް ޓަކައި، ވެކްސިންގެ ދެ ޑޯޒު ހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާތަނަށް ދެ ޑޯޒު ފުރިހަމަނުކުރެވި ތިބި ފަރާތްތަކުން ލަސްނުކޮށް ވެކްސިން ޖަހައިދޭ މަރުކަޒަކަށް ގޮސް ވެކްސިން ޖެހުމަށް ވެސް އެ އިދާރާއިން އެދިފައިވެއެވެ. ސިއްހީ ދާއިރާގެ ގިނަ މާހިރުން ގަބޫލުކުރައްވާ ގޮތުގައި މި ބަލިން ދިފާއުވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ފުރިހަމަކުރުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.