ޚަބަރު
ކުދި ޖަޒީރާ ޤައުމުތަކަކީ އިންވެސްޓްކުރަން އެންމެ ރަނގަޅު މަންޒިލްތައް: ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ސައުތު އޭޝިއާ ހެރަލްޑް
ކުދި ޖަޒީރާ ޤައުމުތަކަކީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ނާޒުކުކަން ތަޙައްމަލުކުރަމުންދާ، އެހީއަށް ބޭނުންވެފައިވާ ބައެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ ފައިދާހުރި އިންވެސްޓްމަންޓްތަކަށް ހުޅުވިފައިވާ އިޤްތިޞާދުތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ. ގެ އެހީތެރިކަމާއެކު މާލޭގައި ކުރިއަށްދިޔަ "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް" ގައި ތަޤްރީރު ކުރައްވަމުންނެވެ. މި ފޯރަމްގައި ދުނިޔޭގެ ގާތްގަނޑަކަށް 50 ޤައުމަކުން މަންދޫބުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ސިޑްސްގެ 29 ޤައުމަކާއި، ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ހިމެނެއެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި، އިޔާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް ޚިދުމަތްތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ލޮޖިސްޓިކްސް، ފިންޓެކް އަދި ބްލޫ އިކޮނޮމީގެ ދާއިރާތަކުން ކުދި ޖަޒީރާ ޤައުމުތަކަށް އިންވެސްޓްމަންޓްތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ރަށްތައް ކުޑަވެދާނެ. އަޅުގަނޑުމެންގެ މާކެޓްތައް ވެސް ކުޑަވެދާނެ. އެކަމަކު އަޅުގަނޑުމެންގެ ވިސްނުންތަކާއި ޚިޔާލުތައް ކުޑަވާކަށް ނުޖެހޭ. އެންމެ ރަށަކުން އުފަންވާ ޚިޔާލަކަށް، ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނާއި، އިންވެސްޓަރުންނާއި، މާކެޓްތަކާ ހަމައަށް ވާސިލްވެވިދާނެ،"
ރައީސް ވިދާޅުވިއެވެ.
އދ. ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ބިމުގެ ގޮތުން ކުދި ނަމަވެސް، ކަނޑުގެ ސަރަޙައްދުގެ ގޮތުން ދުނިޔޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ 19.1 އިންސައްތަ ޙިއްޞާކުރަނީ މި ޖަޒީރާ ޤައުމުތަކެވެ. އަދި 2022 ވަނަ އަހަރު ކަނޑުގެ ވަސީލަތްތަކުން 160 ބިލިއަން ޑޮލަރުގެ އެކްސްޕޯޓް މި ޤައުމުތަކުން ކޮށްފައިވެއެވެ.
ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލައިޒް ކުރުމުގެ ތަޞައްވުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލް ގުޅުމަކީ ހަމައެކަނި މުއާޞަލާތީ ކަމެއް ނޫން ކަމަށާއި، އެއީ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭ އިޤްތިޞާދީ އުމްރާނީ ވަސީލަތެއް ކަމަށެވެ. މިގޮތުން، ގޫގުލްއާ ގުޅިގެން ކުރިއަށްގެންދާ "ދިވަރު" ސަބްމެރިން ކޭބަލް މަޝްރޫޢުގެ ސަބަބުން ރާއްޖެއާއި އައްޑޫ ސިޓީ މެދުވެރިކޮށް ސަރަޙައްދީ ޑިޖިޓަލް އަދި އޭއައި ޚިދުމަތްތައް ފުޅާވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތައަކީ ޑިޖިޓަލް އަދި އީޖާދީ ދާއިރާތަކުން ލިބޭ އާމްދަނީއަށް ހެދުމެވެ. އަދި މިކަމަށްޓަކައި ސްޓާޓްއަޕްތަކާއި ޒުވާނުންގެ ވިޔަފާރިތަކަށް 71.5 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ޕްރޮގްރާމެއް ވަނީ ތަޢާރަފްކޮށްފައެވެ.
ރައީސް މުޢިއްޒު ވަނީ ކުދި ޖަޒީރާ ޤައުމުތަކަކީ ހަމައެކަނި އެހީއަށް އެދޭ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި، އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ދުނިޔޭގެ ފެންވަރުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ގޮވާލައްވާފައެވެ.