ޚަބަރު
ނިލަންދޫގައި ތަރައްގީކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިންމައިފި
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ފ. ނިލަންދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުން އެ ރަށުގައި ބިނާކުރައްވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި މިސްކިތްތައް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މި މިސްކިތުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.
ފ.ނިލަންދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް.@MMuizzu @presidencymv @Mohamedshaheem1 pic.twitter.com/JhuW8BwQrL
— Ministry of Islamic Affairs & Endowments (@MVIaffairs) August 25, 2026
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޒަމާނާ އެއްގޮތަށް މިސްކިތްތައް ޤާއިމުކޮށް، އެ ތަންތަނަކީ އަޅުކަން ކުރުމުގެ އިތުރުން ޤުރުއާން އުނގަންނައިދިނުމާއި އިސްލާމީ ތަޢުލީމާއި ހޭލުންތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަކަށް ބަދަލުކުރުމަކީ މި ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ. މިގޮތުން އައު މަޝްރޫޢުތައް ފެށުމާއި، މެދުކެނޑިފައިވާ މަސައްކަތްތައް އަލުން ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ. މިގޮތުން ބިނާކުރެވޭ މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރުމަށް ޚާއްޞަ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.