ޚަބަރު
މުރައިދޫގައި އަޅާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ހއ. މުރައިދޫގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރާޅުގެ ބީމް އެޅުމަށް ޓަކައި ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް ކަމަށެވެ.
މުރައިދޫގައި އަޅާ މިސްކިތުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ 7.21 މިލިއަން ރުފިޔާއަށް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަސައްކަތުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭ ގޮތަށް، 3650 އަކަފޫޓުގެ ބިމެއްގައި މިސްކިތެއް އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ނަމާދުކުރާ ހޯލުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވުޟޫކުރެވޭނެ އިންތިޒާމުތަކާއި، ސާފުތާހިރުކުރުމަށް ބޭނުންކުރާ ތަކެތި ރައްކާކުރާނެ ތަނަކާއި، މުންނާރަކާއި މިހުރާބުގޭގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ހަމައެއާއެކު، އަޑުގަދަކުރާ ނިޒާމު ކޮންޓްރޯލްކުރާ ސައުންޑް ރޫމަކާއި، އިމާމު ބޭކަލުންނަށް ޚާއްޞަ ކޮޓަރިއެއް ވެސް މި މިސްކިތުގައި ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
Project Update: Construction Of HA. Muraidhoo Mosque
— MTCC Plc (@MTCCPlc) August 24, 2026
Roofing beam preparation work is currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/RiuznIWZQm
ހއ. މުރައިދޫގެ މި މަސައްކަތް ފުރިހަމަވުމުން، އެ ރަށުގެ ރައްޔިތުންގެ އިޖުތިމާއީ ދިރިއުޅުމަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކާއި ފަސޭހަތައް ލިބޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.
ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްގީގެ ގިނަގުނަ މަޝްރޫއުތަކެއް ކާމިޔާބީއާއެކު ނިންމާފައިވާ ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ފާހަގަކުރެވެއެވެ.