ޚަބަރު
ދެމެހެއްޓެނިވި ތަރައްޤީއަށް އދ.ގެ 16 އިދާރާއެއްގެ އެހީތެރިކަން ހޯދުމަށް ސޮއިކޮށްފި
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގް ފޮޓޯ: ވުޒާރާ
ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ކުރިއަރުވައި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އދ. ގެ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދުމާ ގުޅޭ "ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް" އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އދ. އާ ދެމެދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި އދ. ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމާޢަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގްއެވެ. މިއީ 2027 އިން 2031 އަށް އދ. ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން އެކުލަވާލާފައިވާ އެންމެ މަތީ ފަންތީގެ އިސްތިރާޖީ އަދި ތަންފީޒީ އޮނިގަނޑު ހިމެނޭ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ހާސިލްކުރުމަށް އދ. ގެ 16 އިދާރާއެއްގެ އެހީތެރިކަން ލިބިގެންދާނެއެވެ.
މި އޮނިގަނޑަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމީ ތަރައްޤީގެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުންދީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުން އަވަސްކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރާނެ ގޮތް ބަޔާންކޮށް އެކުލަވާލާފައިވާ މަގުޗާޓެކެވެ. މިއޮނިގަނޑު އެކުލަވާލާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއި، އދ. ގެ އޭޖެންސީތަކާއި، ތަރައްޤީގެ ބައިވެރިންގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި، އެކަޑެމިކް ދާއިރާ އަދި އަމިއްލަ ވިޔަފާރިތައް ޝާމިލުވާގޮތަށް ކުރެވުނު ފުޅާ މަޝްވަރާތަކަށްފަހުގައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމަކަށް ވީނަމަވެސް، އިންސާނީ ވަސީލަތާއި ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެއްވިއެވެ.
"2031 ވަނަ އަހަރު މާޒީއަށް ބަލާ ދިވެހިންނަށް ކުރިއެރުން ލިބިފައިވާކަން ފެންނަން އޮތްނަމަ އެއީ މިއަދު ފެށޭ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަން ފެންނަން އޮންނާނެ. އެހެންވުމުން ބައިބަޔަށް މިކަން ނުކުރެވޭނެ. އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ. އެއީ ރައީސްގެ ޚާރިޖީ ސިޔާސަތަކީވެސް،" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގް ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރެވިގެން މިދިޔައީ ރާއްޖެއާއި އދ. ގެ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށް ކަމަށެވެ. އަދި މި އައު އޮނިގަނޑު މައިގަނޑު 3 ދާއިރާއަކަށް އިސްކަންދޭކަން އޭނާ ހާމަކުރެއްވިއެވެ. އެއީ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން ހިންގުންތެރިކަން ހަރުދަނާކުރުމެވެ. މިކަންކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުރެވުނު މަޝްވަރާތަކުން ފާހަގަކުރެވުނު މުހިންމު ކަންކަން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އދ. ގެ 16 އިދާރާ ގުޅިގެން ރާއްޖެއަށް އިންތިޒާމުވެގެންވާ، ނަތީޖާ ނެރެވޭފަދަ އެހީތެރިކަމެއް ފޯރުކޮށްދޭނެއެވެ. މި އެއްބަސްވުމަކީ އިންސާނީ ޙައްޤުތަކާއި، މިންތީގެ ހަމަހަމަކަމާއި، ދެމެހެއްޓެނިވިކަމާއި، ވިލުންވެރިކަމުގެ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ 2030 އެޖެންޑާ ޙާޞިލުކުރުމަށް އެކުލަވާލެވުނު ވަރަށް މުހިންމު މަސައްކަތެކެވެ.