ޚަބަރު
ވިސިޓް މޯލްޑިވްސްގެ އެމްޑީ ކަމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފި
އިބްރާހިމް ޝިއުރީ ފޮޓޯ: ހޮޓެލިއަރ މޯލްޑިވްސް
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.
ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަޤާމަށް ޝިއުރީ އައްޔަނުކުރައްވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވި ވަކި ޚާއްޞަ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
މަޤާމުގައި ހުންނެވި މުއްދަތުގައި ޝިއުރީ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކަކާއި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ވިސިޓް މޯލްޑިވްސްގެ އިސްވެރިޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ޝިއުރީ ވަނީ މުހިންމު އެކި މަޤާމުތައް ފުރުއްވާފައެވެ. އެގޮތުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ބޯޑު މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، އިބްރާހިމް ޝިއުރީ ވަނީ މާކެޓިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭގެ އިތުރުން، ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.