ޚަބަރު
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް އދ.ގެ މަންދޫބުންގެ ތައުރީފު
އެންޓީގުއާ އެންޑް ބާބިއުޑާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ވޯލްޓަން ވެބްސަން އަދި ރައީސުލްޖުމްހޫރިއްޔާ ފޮޓޯ: ރައީސް އޮފީސް
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް އދ.ގެ އިސް މަންދޫބުން ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައިވަނީ، އެންޓީގުއާ އެންޑް ބާބިއުޑާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ވޯލްޓަން ވެބްސަން އަދި ކުދި އަދި ބިންދަތި ޤައުމުތަކަށް (އެލްޑީސީސް އަދި އެލްއެލްޑީސީސް) އދ.އިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރަބާބް ފާތިމާއެވެ. މި ދެ ބޭފުޅުން މިކަން ފާހަގަކުރެއްވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ގޮތުން މާލޭގައި ފެށި "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ވިޔަފާރިތައް މާލީގޮތުން ބާރުވެރިކުރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރުވެސް ހާމަކުރެއްވިއެވެ.
ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން އެންޓީގުއާ އެންޑް ބާބިއުޑާގެ މަންދޫބު ވޯލްޓަން ވެބްސަން ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރައީސް މުޢިއްޒު ކުރައްވާ ވަކާލާތުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ތިޔަ ދެއްކެވި ވާހަކަފުޅުތަކުން ދައްކުވައިދެނީ، އަޅުގަނޑުމެން އަބަދުވެސް ގޮވާލަމުންދާ މުހިންމު ވާހަކަތަކެއް. ކުދި އަދި މެދު ފަންތީގެ އިޤްތިޞާދުތައް ކުރިއެރުވުމަށް ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމުގެ ތަޞައްވުރާއެކު، އަޅުގަނޑުމެންނަށްވެސް ކުރިއަށް ދިއުމަށް ބޭނުންވާ ހިތްވަރު ތި ދެއްވީ. އަދި ތިއީ އެހެން ކުދި އިޤްތިޞާދުތަކަށްވެސް ހުރި ވަރަށް ފުރިހަމަ މިސާލެއް،
ވޯލްޓަން ވެބްސަން
މީގެއިތުރުން، މި ރަސްމިއްޔާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި އދ.ގެ މަންދޫބު ރަބާބް ފާތިމާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ ހަމައެކަނި ބަހުގެ އިބާރާތުން ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަކީ ޢަމަލީގޮތުން ނަތީޖާ ނެރެދެއްވާ ލީޑަރެއް ކަމަށެވެ. އަދި މާލޭގައި މިހާރު ކުރިއަށްދާ ބައްދަލުވުމަކީ 2024 ވަނަ އަހަރު ބާބިއުޑާގައި ބޭއްވުނު ކާމިޔާބު ސިޑްސް ފޯރަމުގެ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްދާ މުހިންމު ބައްދަލުވުމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިންނަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރާއްޖެއިން ހަމައެކަނި ގޮވާލަނީކީ ނޫން. އޭގެ ދަށުން ރާއްޖެއިން ކުރި މަސައްކަތްތަކުގެ ޢަމަލީ ނަތީޖާވެސް މިހާރު ދަނީ ފެންނަމުން. އަދި މިކަމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ސާފުކޮށް ފެންނަން އެބައޮތް
ރަބާބް ފާތިމާ
2024 ވަނަ އަހަރު ބޭއްވި ސިޑްސް ފޯރަމުގައިވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ޒުވާނުންނާއި އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށާއި، މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދައަށް ވަކާލާތު ކުރައްވާފައެވެ. ސަރުކާރުން މިހާރުވެސް ދަނީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.