ޚަބަރު
ޕަލާއުއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ޕަލާއުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، އެކްސެލެންސީ އެންގިރައިބެލަސް ޓްމެޓުޗްލް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް
ޕަލާއުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، އެކްސެލެންސީ އެންގިރައިބެލަސް ޓްމެޓުޗްލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރާއްޖޭގައި ފެށުނު "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އިންވެސްޓްމަންޓް ފުރުޞަތުތައް ފަހިކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ސިޑްސްގެ ޤައުމުތަކުން އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި މި ޤައުމުތަކުގެ އަޑު ގަދަކުރުމަށްޓަކައި ޕަލާއުއާ ގުޅިގެން ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އަރުވާފައެވެ.
މި އޮގަސްޓް މަހުގެ 23 އިން 25 އަށް ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އަކީ ސަރުކާރުތަކާއި، އަމިއްލަ ވިޔަފާރިތަކާއި، ތަރައްޤީގެ ބައިވެރިން އެއްތަންވެ، ކުދި ޖަޒީރާ ޤައުމުތަކުގައި ދެމެހެއްޓެނިވި އަދި ވިލުންވެރި ތަރައްޤީއެއް ޤާއިމުކުރުމަށްޓަކައި އައު ވިސްނުންތަކުގެ މައްޗަށް ބިނާކޮށް ގުޅުންތައް ބަދަހިކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.