Ads by Farudhun

ޚަބަރު

ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އެމްއެމްއޭއިން އާންމުކޮށްފި

ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އެމްއެމްއޭއިން އާންމުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 އޯގަސްޓު 2026، 06:19

23 އޯގަސްޓު 2026، 06:19

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު މާރުކުރުމަށް ލާޒިމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރާ ވިޔަފާރިތަކުގެ ތަފާސްހިސާބުތަކާއި، އެއްވެސް ވަރަކަށް ފައިސާ މާރުކޮށްފައިނުވާ ރިސޯޓުތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކޮށްފިއެވެ.

މަރުކަޒީ ބޭންކުން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓުގައިވާ ގޮތުން، ގަވާއިދާ އެއްގޮތަށް އެއްވެސް ވަރަކަށް ބޭރު ފައިސާ މާރުކޮށްފައި ނުވަނީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ. އެމްއެމްއޭއިން ވަނީ މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ފުރުސަތު ދީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ފައިސާ މާރުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަރުކަށި އިބާރާތުން އިލްތިމާސްކޮށްފައެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑު ބަޔަކުން އަންނަނީ ގަވާއިދަށް ފުރިހަމައަށް ބޯލަނބަމުންނެވެ. އެގޮތުން ރިސޯޓުތަކުގެ ތެރެއިން %78 ރިސޯޓުން ގަވާއިދާ އެއްގޮތަށް ފުރިހަމައަށް ޑޮލަރު މާރުކޮށްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ މިންވަރަށް ފައިސާ މާރުނުކުރެވެނީ %20 ރިސޯޓުންނެވެ. މި %20 ތެރޭގައި ހިމެނޭ ގިނަ ރިސޯޓުތަކުން ލުއިތަކެއް (ކޮންސެޝަން) ހޯދުމަށް އެދިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ ޒިންމާތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ގެސްޓްހައުސްތަކާއި، ހޮޓާތަކާއި، ސަފާރީ އަދި ހޯމްސްޓޭ ފަދަ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ 'ބީ' ގެ ތަފާސްހިސާބުތަކަށް ބަލާއިރު:

  • ގަވާއިދާ އެއްގޮތަށް ރަނގަޅަށް ޑޮލަރު މާރުކޮށްފައިވަނީ 48  އިންސައްތައެވެ.
  • އެންމެ އެކަށީގެންވާ ގޮތެއްގައި މާރުނުކުރެވެނީ 15 އިންސައްތައެވެ.
  • އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރަނީ 37 އިންސައްތައެވެ.

މި ކެޓަގަރީގައި ހިމެނޭ ގިނަ ވިޔަފާރިތަކަކީ މެދު ފަންތީގެ ވިޔަފާރިތަކަށް ވާތީ، އެ ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން އިތުރު ފުރުސަތުތައް ދީ، ގަވާއިދަށް އަހުލުވެރިކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ 'ސީ' ގެ ތެރެއިން ފުރިހަމައަށް ޑޮލަރު މާރުކޮށްފައިވަނީ 38 އިންސައްތަ ފަރާތުންނެވެ. އަދި އެކަށީގެންވާ ވަރަށް މާރުނުކުރަނީ 33 އިންސައްތަ ވިޔަފާރިއަކުން ކަމަށްވާއިރު، 29 އިންސައްތަ ތަނަކުން އެއްވެސް ވަރަކަށް ފައިސާ މާރުކޮށްފައެއް ނުވެއެވެ. މި ފަރާތްތަކުން ވެސް ލުއިތަކަކަށް އެދިފައިވާއިރު، މިކަމަށް ހައްލެއް ގެނެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ އެ އިސްލާހުތައް މިހާރު ވަނީ ހުށަހަޅާފައެވެ.

ބޭރު ފައިސާގެ ގަވާއިދުގެ ދަށުން މާރުކުރާ ޑޮލަރުގެ މުހިންމުކަން ހާމަކުރަމުން އެމްއެމްއޭއިން ބުނީ، މާރުކުރެވޭ ޑޮލަރުގެ 90 އިންސައްތަ ނަގަނީ އެމްއެމްއޭއަށް ކަމަށެވެ. އަދި އޭގެ ތެރެއިން 30 އިންސައްތަ ދިވެހި ބޭންކުތަކަށް އިސްކަންދީގެން އަނބުރާ ދޫކުރެއެވެ. ބޭންކުތަކަށް ދޫކުރާ މި ބައި ހާއްސަކުރެވެނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމަށެވެ. މީގެ އިތުރުން އެމްއެމްއޭގައި ބަހައްޓާ ބޮޑު ބަޔަކީ ރައްޔިތުންނަށް ބޭނުންވާ ތެލާއި، ގޭހާއި، އަސާސީ މުދަލުގެ އިތުރުން ބޭސް ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ހޭދަކުރެވޭ ފައިސާއެވެ.

އެހެންކަމުން، ރިސޯޓުތަކުން މާރުކުރާ ޑޮލަރުގެ ސީދާ ލާބައާއި މަންފާ މުޅި އިގްތިސާދަށާއި އާންމު ރައްޔިތުންނަށް ފޯރަމުންދާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450