ޚަބަރު
ރައީސް އޮފީހުގެއިސް މަޤާމަކަށް ޢާޒިމާ ޝަކޫރު ޢައްޔަންކުރައްވައިފި
އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ ދައުލަތަށާއި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. އެކަމަނާއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ޢައްޔަންކުރެވުނު އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. މީގެ އިތުރުން، ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ފެހި ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައިވެސް އެކަމަނާ ވަނީ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޢާޒިމާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ފުރިހަމަކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ، ގިނަ ބައެއްގެ އިޙުތިރާމު ލިބިވަޑައިގެންފައިވާ ޤާނޫނީ ވަކީލެކެވެ.
ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޢާޒިމާއަކީ، ވެރިކަން ހިންގުމުގެ ނިޒާމާއި، ޤާނޫނުއަސާސީ އަދި ޤާނޫނުތައް އިސްލާޙުކުރުމުގެ އިތުރުން ޤާނޫނީ ދިރާސާތައް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. ވަކިން ޚާއްޞަކޮށް، 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި ޑިމޮކްރެޓިކް އިސްލާޙީ އެޖެންޑާ އެކުލަވާލައި ތަންފީޒުކުރުމުގައި އެކަމަނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
ސަރުކާރުގެ ޚިދުމަތުގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ޢާޒިމާ ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއް ކަމަށްވާ "ހޯޕް ފޮރ ވިމެން" އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ "ފާލަން" ޖަމުޢިއްޔާ އުފެއްދެވުމުގައި އެކަމަނާ ހިއްސާވެވަޑައިގެންނެވިއެވެ. މީގެއިތުރުން، އަމިއްލަ ޤާނޫނީ މަސައްކަތުގެ ތެރެއިން، ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭސާބަހަށް ޤާނޫނީ އެހީތެރިކަމާއި ލަފާ ފޯރުކޮށްދެއްވުމުގައިވެސް އެކަމަނާ ފާހަގަކޮށްލެވެއެވެ.