ޚަބަރު
ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާބެހޭ ފޯރަމް ފަށައިފި
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވުން ފޮޓޯ: ރައީސް އޮފީސް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ބައިނަލްއަޤުވާމީ މުހިންމު ބައްދަލުވުން ކަމަށްވާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް" ރާއްޖޭގައި ފަށައިފިއެވެ.
މި މަހުގެ 23 އިން 25 ގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމް ބާއްވަނީ މާލޭގެ ބާސެލޯސް ނަސަންދުރާ ހޮޓެލްގައެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ބާއްވާ މި ފޯރަމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ޚާއްސަކޮށް އެ ޤައުމުތަކުގެ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީދޭ ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން ދިރާސާވެރިންގެ ޙިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ. މީގެއިތުރުން ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށާއި، އިންވެސްޓްމަންޓްތައް ދެމެހެއްޓުމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާކުރުން މި ފޯރަމްގައި ކުރިއަށްދާނެއެވެ.
މިއަހަރުގެ ފޯރަމްގައި ދުނިޔޭގެ 30 އަށްވުރެ ގިނަ ޤައުމުތަކުގެ ސަރުކާރުތަކުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އިންވެސްޓަރުން އަދި ޢިލްމީ ދާއިރާތައް ހިމެނޭހެން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މި ފޯރަމްގެ ތެރޭގައި 5 ޕެނަލް ޑިސްކަޝަނަކާއި، ނެޓްވޯކިން ފުރުޞަތުތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި އިންވެސްޓްމަންޓް ޝޯކޭސްތަކެއް ހިމެނެއެވެ. މި މާކެޓްޕްލޭސްގައި އެކި ޤައުމުތަކުގެ 15 ފަރާތެއްގެ އުފެއްދުންތަކާއި މަސައްކަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރަކީ މި ފޯރަމް ބާއްވާތާ 10 އަހަރު ފުރޭ އަހަރެވެ. އަދި މިއީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ސިޑްސްގެ 4 ވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުގައި ފާސްކުރި 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރު "އަބާސް" އެކުލަވައިލި ފަހުން ބާއްވާ ފުރަތަމަ ފޯރަމެވެ.
މި ފޯރަމް ރާއްޖޭގައި ބޭއްވުމުގެ މައިގަނޑު ސަބަބަކީ، 2024 ވަނަ އަހަރުގެ ސިޑްސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ ގުޅުން ބަދަހިކުރުމަށާއި މާލީ ވަޞީލަތްތައް ހޯދުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ. އެ ކޮންފަރެންސްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލެނަރީ ސެޝަންތައް ޗެއަރ ކުރައްވާފައެވެ. އަދި ރާއްޖެއިން ވަނީ އެ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާކަން ވެސް ކޮށްފައެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ރާއްޖޭގައި މި ފޯރަމް ބޭއްވުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ރާއްޖެއިން އަދާކުރަމުން އައި އިސް ދައުރު އަލުން އިއާދަވެގެންދާނެއެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ބަސްވިކޭ މިންވަރު އިތުރުވެ، ރާއްޖެއަކީ ކާމިޔާބު ތަރައްޤީގެ މޮޑެލްއެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް މަގުފަހިވެގެންދާނެއެވެ.