ޚަބަރު
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. އެގޮތުން، އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި، މެންބަރުން އައްޔަނުކުރުމުގެ އުސޫލުތަކާއި، އެ ފަރާތްތަކުގެ ޝަރުޠުތަކުގެ އިތުރުން މަޤާމުގެ މުއްދަތަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.
ކުރިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު، މި ގެނެވުނު އިޞްލާޙާއެކު އަލަށް އައްޔަނުކުރެވޭ ޗީފް އެގްޒެކެޓިވާއެކު 7 މެންބަރުންގެ މައްޗަށް ވަނީ ބަދަލުކޮށްފައެވެ. އަދި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް މީހަކު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، ބޯޑަށް ޤާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައްވެސް މި އިޞްލާޙުގައި ވަނީ ސާފުކޮށް ކަނޑައަޅާފައެވެ.
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ގެނެވުނު އިޞްލާޙުތަކާ ގުޅިގެން އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް ޢައްޔަންކުރަންޖެހޭ މެންބަރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޢައްޔަންކުރަން ޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، މިހާރު މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.