Ads by Farudhun

ޚަބަރު

ގުރައިދޫ އެއާޕޯޓް ބިން ހިއްކުމުގެ 81 ޕަސެންޓް މަސައްކަތް ނިމިއްޖެ

ގުރައިދޫ އެއާޕޯޓް ބިން ހިއްކުމުގެ 81 ޕަސެންޓް މަސައްކަތް ނިމިއްޖެ

ގުރައިދޫ އެއާޕޯޓް ބިން ހިއްކުން - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 އޯގަސްޓު 2026، 11:40

23 އޯގަސްޓު 2026، 11:40

ތ. ގުރައިދޫގައި ތަރައްޤީކުރަމުން އަންނަ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 81 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު އެންމެ ބާރަށް ހިނގަމުންދަނީ ބޮޑުހިލަ އާއި ޖިއޯ ބޭގް ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ޖުމްލަ 106.02 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރިވެޓްމެންޓް އަދި 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

2000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އަދި އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ފާހަގަކުރެވޭ ގުރައިދޫއަކީ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ފަންވިޔުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. މާލެއިން ފުރައިގެން ކަނޑުމަގުން ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަކޮށްގެން ދެވޭ މި ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަމަކީ، ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި، އުފުލަންޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެކެވެ. ރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދުނު މުހިންމު އެދުމާ އެއްގޮތަށް ސަރުކާރުން ވަނީ މި މަޝްރޫޢު ފަށާފައެވެ.

މި އެއާޕޯޓް މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ޙަވާލުކުރެވުނީ 16 ނޮވެންބަރު 2024 ގައެވެ. އަދި ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު 26 ޑިސެންބަރު 2024 ގައި އެ ރަށަށް ގެންގޮސް، ހަލުވި ދުވެއްޔެއްގައި މަސައްކަތް ދަނީ ކުރިއަށެވެ. މިއީ ތ. އަތޮޅުގައި ތަރައްޤީކުރެވޭ ދެވަނަ އެއާޕޯޓެވެ.

ގުރައިދޫ ރައްޔިތުންގެ ޒަމާންވީ އުއްމީދުތަކާ ގުޅިފައިވާ މި އެއާޕޯޓަކީ، ދަތުރުފަތުރުގެ ލުއިފަސޭހަކަމުގެ އިތުރުން ރަށުގެ ގެސްޓްހައުސް ވިޔަފާރިތަކަށާއި މުޅި ސަރަޙައްދުގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ މަޝްރޫޢުތަކުގެ ޒަރީޢާއިން ރަށްރަށުގެ ފަތުރުވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އުފުލައިދިނުމެވެ.

އެމްޓީސީސީން ހާމަކުރާ ގޮތުގައި މަސައްކަތް ކުރިއަށްދާ ބާރުމިނަށް ބަލާއިރު، ތާވަލާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެއެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައިގެ ބަނދަރުތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން މިހާރުވެސް ހަލުވިކަމާއެކު ހިންގަމުން އަންނަކަން އެމްޓީސީސީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450