ޚަބަރު
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫއު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި—
ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައި، މި މަހުގެ 13 ވަނަ ދުވަހު ވަނީ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކޮށްފައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ނޭކުރެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގައި އެ ވުޒާރާގެ ޓެކްނިކަލް ސްޓާފުންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަނުގެ އިތުރުން އެ ރަށު ކައުންސިލުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ، އެ ވުޒާރާއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާ ހަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ. މި މަޝްރޫއު ކުރިއަށްގެންގޮސްފައި ވަނީ، އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީގެ އިތުރުން، ދިވެހި ދައުލަތުގެ ބަޖެޓުން ވެސް ޚަރަދުކޮށްގެނެވެ.
މި މަޝްރޫއުގެ ދަށުން ފެން ޓެސްޓްކުރެވޭ އިކްއިޕްމަންޓްތަކާއެކު ލެބޯޓްރީއަކާއި އޮފީސް ޖާގަ ހިމެނޭހެން 30 ކިލޯވޮޓްގެ ސޯލަރ ޕެނަލް ވަނީ ހަރުކޮށްފައިވެއެވެ. އަދި އާރު.އޯ ޕްލާންޓް އިމާރާތެއް ޤާއިމުކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރް.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ވަނީ ހަރުކޮށްފައެވެ.
އަދި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކާއި، 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއެކު ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން، 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގަ އަކާއި 10.4 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގަ އަޅާފައިވާއިރު، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ނަރުދަމާ ނިޒާމު ގުޅުވުމަށް ޓަކައި ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމާއި، ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ކުރެވިފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.