ޚަބަރު
ބާރަށުގައި ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރެވެނީ ސަރުކާރުގެ އެހީތެރިކަމާއެކު: ބާރަށު ކައުންސިލްގެ ރައީސް
ބާރަށު ކައުންސިލްގެ ރައީސް---
ބާރަށުގައި ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރެވެނީ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށް ބާރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
ޢަލީ ޝަމީމް މިގޮތަށް ވިދާޅުވީ، ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހއ. ބާރަށުގައި ބޭއްވުނު ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އޭނާ ވަނީ، އެ ޖަލްސާއަކީ އެތައް ޒަމާންތަކަކަށްފަހު އެ ރަށުގައި ބޭއްވިގެންދާ ވަރަށް ހާއްސަ ޖަލްސާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އައްސުލްޠާނު އަލްޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޒަމް، ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވި ދުވަސް އެ ރަށުގައި މިހާ ކުލަގަދަކޮށް ފާހަގަކުރެވޭ މިއީ އެންމެ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާ ކުލަގަދަކޮށް މި ރަށުގަ މި ދުވަސް، މިފަހަކަށް އައިސް މި ފާހަގަކުރެވެނީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ކައުންސިލަށް ދެއްވުމުން. މި ދުވަސް މިހާ ކުލަގަދަކޮށް މި ރަށުގައި ފާހަގަކުރުމަށް ޓަކައި ސަރުކާރުން ދެއްވި އެހީއަށް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ބާރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ނަމުގައި ވަރަށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން
ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަދި އެ ރަށުގެ ކައުންސިލަށް ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހި ޤައުމިއްޔަތު ބިނާވެފައި ވަނީ، އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިންގެ ޒަމާންވީ ސަޤާފީ އެކުވެރިކަމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބާރަށު ކައުންސިލްގެ ރައީސް ވަނީ، ބޮޑުތަކުރުފާނުގެ ޖިހާދުގެ ބިންގާ ފެށިގެންގޮސްފައި ވަނީ އެ ރަށުން ކަމަށް ވިދާޅުވެފައެވެ.