ޚަބަރު
ޤައުމީ ދުވަސް ހަނދާންކޮށްދެނީ، ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---
ޤައުމީ ދުވަސް ހަނދާންކޮށްދެނީ، ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިގޮތަށް ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.
މި ތަޤުރީރުގައި ރައީސް ވަނީ، ޕޯޗުގީޒުންގެ ވާގިވެރިކަން ހޯދައި ނުވަވަނަ ޙަސަން ރަސްގެފާނު ޤައުމަށް ޣައްދާރުވިކަން ފާހަގަކުރައްވާ، ޤައުމީ ދުވަހަކީ މިފަދަ ކަންކަމަށް ދިވެހީން ދިން ރައްދުގެ ހަނދާން އައު ކުރަންވީ ދުވަސް ކަމަށް ވިދާޅުވެފައެވެ.
ޕޯޗުގީޒުންގެ ޙިމާޔަތުގައި ޙަސަން ރަސްގެފާނު ހުންނެވިއިރު ވަނީ އިސްލާމް ދީނުގެ ޙުރުމަތް ކަނޑާފައި ކަމަށާއި، ރަސްކަމުގެ ދަހިވެތިކަމުގައި އޭނާ ވަނީ ބޭރުގެ ބާރަކާއެކު، ޤައުމަށް ގެއްލުން ހުރި ގުޅުންތަކެއް އުފައްދާފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭރު އޭނާއަށް ތާއިދުކުރި ބަޔަކާއި، އޭނާއާ އިދިކޮޅު ވިސްނުމެއްގެ ބަޔަކު ރާއްޖޭގައި އުޅުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭރު ވެރިކަމުގައި ހުންނެވި އަލިރަސްގެފާނާއި، އޭގެ ކުރިން ދިވެހި ތަޚްތުގައި އިންނެވި އަބޫބަކުރު ރަސްގެފާނު ވަނީ މި ހާލަތުގައި ދިވެހި ޤައުމު އިސްކުރައްވާފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ބޭފުޅުން ވަނީ، ދިވެހި ޤައުމީ ވިސްނުން އިސްކޮށް، ރާއްޖެއާއި މާތްވެގެންވާ އިސްލާމްދީން އިސްކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދެ ބޭފުޅުންނަކީ ސިޔާސީ ޚިލާފުތަކަކާއި ވާދަވެރިކަމެއް ގެންގުޅުއްވި ދެ ބޭފުޅުންނަށްވީ ނަމަވެސް، ޙަސަން ރަސްގެފާނު ގެންގުޅުއްވި ޤައުމާއި، ދީނާއި ދެކޮޅު ވިސްނުމަށް ދެ ބޭފުޅުން ވެސް ވަނީ ފާޅުގާ ދެކޮޅުހައްދަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ ރައްޔިތުން ވެސް ނެންގެވީ ޤައުމީ ފަޅި ކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި އެއް ސަބަބަކީ މި ކަންކަން ހަނދާންކޮށްދިނުން. ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ދިވެހި ފަޚްރުވެރި ކާބަފައިންނެކޭ އެއް ފަދައިން، ޤައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދޭން. ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭން.
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހީން ގިރިގެން ގޮސްގެން ނުވާނޭކަމަށާއި، ދިވެހީން ތިބެން ވާނީ، ދިވެހީންގެ ދީނުގައި، ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.