ޚަބަރު
ހުޅުމާލެ 3 ވަނަ ފިޔަވަހިން 500 އަށްވުރެ ގިނަ މީހުންނަށް ގޯތި ހަވާލުކޮށްފި
ހުޅުމާލެ ފޭސް 3 އަކުން ހިއްކާފައިވާ ސަރަހައްދު ފޮޓޯ: ހައުސިންގް
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުންނަށް ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ވަނީ ގޯތި ހަވާލުކޮށްފައެވެ. މިއީ އެ ސަރަޙައްދުން ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު 80 އިންސައްތަ މީހުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން އަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތި ލިބިފައިވާ 698 ފަރާތެއްގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަޙައްދަށް ވަނީ ބަދަލު އައިސްފައެވެ. މި ބަދަލާ ގުޅިގެން ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އަމަލީގޮތުން ބިން ހަވާލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވަނީ މިއަހަރުގެ މަރޗް މަހުގެ 26 ވަނަ ދުވަހުއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގޯތި ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދަނީ ވެރިފަރާތުން ގޯތީގެ ރަޖިސްޓަރީއަށް އެދުމުން، އެ ރަޖިސްޓަރީ ތައްޔާރުކޮށް ހަވާލުކުރާ އުސޫލުން ކަމަށެވެ. އަދި ބާކީ ހުރި ގޯތިތައްވެސް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ތަފްސީލް:
1650 އަކަފޫޓުގެ 181 ގޯތި
2050 އަކަފޫޓުގެ 242 ގޯތި
2450 އަކަފޫޓުގެ 132 ގޯތި
2850 އަކަފޫޓުގެ 62 ގޯތި
3250 އަކަފޫޓުގެ 41 ގޯތި
3650 އަކަފޫޓުގެ 16 ގޯތި
4000 އަކަފޫޓުގެ 24 ގޯތި
ނިމުނު ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ދޫކުރިއިރު، އެ ސަރަޙައްދު އޮތީ ނުހިއްކައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޮތުގައި އެ ސަރަޙައްދުން 63 ހެކްޓަރުގެ ބިން ހިއްކައި، ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް އަމަލީގޮތުން ފަށާފައެވެ.
ހުޅުމާލޭގެ އިތުރުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށްވެސް ބިން ހަވާލުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.