ޚަބަރު
ބަނގުރާ ވިއްކާކަމުގެ ތުހުމަތުގައި ބަނގުލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި
ބަނގުރަލާއެކު ހައްޔަރުކުރި ދެ ބިދޭސީން---
މާލޭގައި ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ ރޮކިބުލް ހަސަން (24އ) އާއި، އެމް ޑީ ޖަކިރް ހޮސެއިން (29އ) އެވެ.
މި ދެ މީހުން އަތުލައިގަނެފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައިގެންނެވެ. އެ މީހުން ހުއްޓުވައި، އެ މީހުންގެ އަތުގައި ހުރި ތަކެއްޗާއި ދުއްވި ސައިކަލުގެ އިތުރުން، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ޖުމްލަ 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ދެ މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބައެއް ކަމަށް ފާހަގަކުރެވޭތީ، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި އެ މީހުން ބަނގުރާ އުފުލުމަށް ބޭނުންކުރި ސައިކަލު ފުލުހުން ވަނީ ޓޯކޮށްފައެވެ.