ޚަބަރު
އެމްއާރްސީސީ ހުޅުވިގެންދިއުމަކީ މެރިޓައިމް ސޭފްޓީ ހަރުދަނާވާނެ ކަމެއް: ޖަޕާނު ސަފީރު
ހަރް އެކްސެލެންސީ އިޝިގާމީ ރުމީކޯ. ފޮޓޯ: ރައީސް އޮފީސް
އެމްއާރްސީސީ ހުޅުވިގެންދިއުމަކީ މެރިޓައިމް ސޭފްޓީ ހަރުދަނާވާނެ ކަމެއް ކަމަށް ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރް އެކްސެލެންސީ އިޝިގާމީ ރުމީކޯ ވިދާޅުވެއްޖެއެވެ.
ސަފީރު މިގޮތަށް ވިދާޅުވީ، އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) ގެ އައު އިމާރާތް ހުޅުވުމަށް ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސަފީރު ވަނީ، އެމްއާރްސީސީ އަކީ ޖަޕާން ސަރުކާރުން ރާއްޖެއަށް ދިން 3.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީއާއިއެކު ކުރިއަށް ގެންދެވުނު ޕްރިޖެކްޓެއްކަން ފާހަގަކުރައްވާފައެވެ.
މި މަޝްރުއު ބިނާވެގެން ގޮސްފައިވަނީ މައިގަނޑު 2 ކަމެއްގެ މައްޗަށް ކަމަށް ސަފީރު ވިދާޅުވިއެވެ. ޓްރެއިނިންގ ޖާގައާއި އެކު އެމްއާރްސީސީގެ އައު އިމާރާތެއް ބިނާކުރުމާއި، މެރިޓައިމް ސާރޗް އެންޑް ރެސްކިޔު ޕްރޮގްރާމްތަކާއި ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމުތައް ހިންގައި މެރިޓާއިމް ގަވާއިދުތައް ކަމާގުޅޭ ފަރާތްތަކާއެކު ތަންފީޒުކުރުން ކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން މި އައު އެމްއާރްސީސީ އިމާރާތުގައި ތަމްރީން ޕްރިގްރާމުތައް ހިންގައި، އޮޕްރޭޝަންތައް ވެސް ކުރިއަށްގެންދެވޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ.
އިމާރާތުގެ އޮނިގަނޑާއި ގުޅޭ ގޮތުން ސަފީރު ވިދާޅުވީ، އެތަނުގެ އެންމެ ތިރީ ފަންގިފިލާގައި އޮޕަރޭޝަންސް ރޫމަކާއި، ކޮންފަރެންސް ފެސިލިޓީއެއްގެ އިތުރުން އޮފީސްތައް ހުންނާނެ ކަމަށެވެ. ފުރަތަމަ ފަންގިފިލާގައި އޮޑިޓޯރިއަމް އަކާއި، ކްލާސްރޫމްތައް ހުންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ދެވަނަ ފަންގިފިލާއާއި ތިން ވަނަ ފަންގިފިލާގައި ހުންނާނީ އެކޮމަޑޭޝަނާއި، ތަމްރީނުތަކަށް ބޭނުންވާނެ އިތުރު ވަސީލަތްތަކެވެ. އަދި ރޫފް ޓޮޕުގައި، ކިޔަވާނެ ޖާގައާއި، ކުތުބުޚާނާއެއްގެ އިތުރުން ތަމްރީނުތަކަށް ބޭނުންވާ އިތުރު ޖާގަ ހުންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.
ޖަޕާނާއި ރާއްޖޭގެ ގުޅުން ފެނިގެންދަނީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން އެކަނި ނޫން ކަމާއި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ޖަޕާނުން ވަނީ ރާއްޖެއަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި ފޯރުކޮށްދީފައިވާ އެހީތެރިކަމާއި، ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއިން ޖަޕާނުން ފޯރުކޮށްދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ސަފީރު ވަނީ ރާއްޖޭގެ މެރިޓައިމް ވަސީލަތްތައް ހަރުދަނާކުރުމަށް އެ ގައުމުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުވިތާ 60 އަހަރު ފުރުމަށް ގާތްވެފައިވާއިރު، އެމްރާސީސީ ހުޅުވިގެންދިއުމަކީ މެރިޓައިމް ސޭފްޓީ ހަރުދަނާވާނެ ކަމެއްކަން ފާހަގަކުރައްވާ ސަފީރުވަނީ، އަވަހަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވި، ފުރާނަ ސަލާމަތްކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެ ކަމަށް ވިދާޅުވެފައެވެ.
"މި ފަދަ ޕްރޮޖެކްޓުތަކުން ދެ ގައުމުގެ ދޭތެރޭގައި އޮތް ހަރުދަނާގުޅުމާއި އިތުބާރު ދައްކުވައިދޭ"
ޖަޕާން ސަފީރު.
މީގެ އިތުރުން ސަފީރު ވަނީ އެމްއާރްސީސީގެ އައު އިމާރާތުގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވުމަށް ވެސް މަގުފަހިވާނެ ކަމަށް ވިދާޅުވެފައެވެ.