Ads by Farudhun

ޚަބަރު

މިނިވަންކަމާއި ސަރަހައްދީ ނަޒާހަތް ދަމަހައްޓަން ގެނައި އިސްލާހުތަކާ ދެކޮޅުހަދާ ސަބަބާމެދު ރައްޔިތުން ވިސްނަންޖެހޭ: ރައީސް

މިނިވަންކަމާއި ސަރަހައްދީ ނަޒާހަތް ދަމަހައްޓަން ގެނައި އިސްލާހުތަކާ ދެކޮޅުހަދާ ސަބަބާމެދު ރައްޔިތުން ވިސްނަންޖެހޭ: ރައީސް

ރައީސުލްޖުމހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ޖުލައި 2026، 01:11

26 ޖުލައި 2026، 01:11

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި މުހިންމު އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާ ސަބަބުތަކާމެދު ރައްޔިތުން ފުންކޮށް ވިސްނައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

 ރައީސް މިކަމަށް ގޮވާލެއްވީ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލުގެ ހައްގު އެއް ހަމައަކަށް ލިބިގެންވާ ކަމަށާއި، ގައުމެއްގެ މިނިވަންކަން ނެގެހެއްޓުމުގެ އެންމެ މުހިންމު އެއް އަސާސަކީ އެ ގައުމެއްގެ ސަރަހައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު "ސަރަހައްދުތަކާ ބެހޭ ހާއްސަ އޮފީހެއް" ގާއިމުކޮށް، އެ އޮފީހުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވަރަށް "ފިނޑި" އަދި "ޣައިރު ގާނޫނީ" ގޮތެއްގައި ދޫކޮށްލާފައި ކަމަށެވެ. އަދި އެ މަސައްކަތަކީ ސިއްރުވެރިކަމާއެކު ހިންގާފައިވާ ބޭއިންސާފު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމުގެ ގާނޫނީ މަސައްކަތް މިހާރު ފަށާފައިވާކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން ފޯޅަވަހި ނުވަތަ ޗާގޯސްއަކީ ތާރީޚީ ގޮތުން ދިވެހިންގެ ތަނެއްކަން ފާހަގަކުރައްވައި، އެކަމުގައި ގައުމީ ރޫހެއްގައި މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.

"މިދިޔަ އެމްޑީޕީ ސަރުކާރުން ޣައިރު ޤާނޫނީ ގޮތެއްގައި، ވަރަަށް ފިނޑި ގޮތެއްގައި، ވަރަށް ނޭނގާނީ ގޮތެއްގައި އަޅުގަަނޑުމެންގެ ކަނޑުން ބައެއް ސިއްރުސިއްރުން ދޫކޮށްލި ވަރަށް ބޭއިންސާފުވެރި ގޮތެއް. އެކަން ބަދަލުކޮށް ކަނޑުގެ އެބައި ހޯދުމުގެ މަސައްކަަތް އަޅުގަނޑުމެން މިވަނީ ފަށާފައި. އެއީ ގާނޫނީ ހަމަތަަކުން ބަލާއިރުގައި އަޅުގަނޑުމެންގެ ސަރަހައްދު. އެހެންވީމާ އެ ސަރަހައްދު ދޫކޮށްލުމުގައި ހިނގައިދިޔަ ކަންތަކުން އިންސާފު ލިބިގަތުމުގެ މަސައްކަަތް އަޅުގަނޑުމެން އެބަކުރަން،"

ރައީސް ވިދާޅުވިއެވެ. 

ގައުމުގެ މިނިވަންކަން ވަރުގަދަކުރުމަށް ގެނައި ދުސްތޫރީ ބަދަލުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ލިބިގެން މެނުވީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް ގާނޫނުއަސާސީ މިހާރު އިސްލާހުކޮށްފައިވާ ކަމަށެވެ.

"ހަމައެއާއެކު އަޅުގަނޑުމެން ގެނައި އިސްލާހަކީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނޫނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ ސިފައިންނަށް ހަރަކާތްތެރިނުވެވޭ ގޮތަށްވާނީ ބަދަލުކޮށްފަައި. ކުރިން އޮންނާނީ ބޭސްއެއް ހަދަންވެއްޖެއްޔާއޭ މަޖިލީހުން ރުހުން ހޯދަންޖެހޭނީ. އެހެންނަމަވެސް އަޅުގަނޑުމެން ބަދަލުކޮށްފައިވަނީ އެންމެ ބޫޓުކިނބައެއްވެސް މިތާ ބެހެއްޓޭނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންކަމަށް. އެއީ އަޅުގަނޑުމެން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް. މިކަމަށް ކީއްވެތޯ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ބުއްދީގެ ހަމަތަކުން ވިސްނައިލަންޖެހޭ،"

ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަން އެންމެ މަތީ ދަރަޖައަށް ރައްކާތެރިކޮށް ދެމެހެއްޓުމަކީ މި ސަރުކާރުގެ އެންމެ އިސް އަމާޒެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން ގެންނަވަމުންދާ ދުސްތޫރީ އަދި ގާނޫނީ އިސްލާހީ ބަދަލުތަކަކީ ގައުމުގެ ދިފާއުގައި އެޅޭ ވަރުގަދަ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިފަދަ ގައުމީ މަސްލަހަތާ ގުޅިފައިވާ މުހިންމު ބަދަލުތަކާ ދެކޮޅުހައްދަވާ ސިޔާސީ ބޭފުޅުންނާއި ފަރާތްތަކުން، އެކަންކަމާ ދެކޮޅުހައްދަވަނީ ކޮން މަގުސަދެއްގައި ނުވަތަ ކޮން ސަބަބަކާ ހުރެގެންތޯ ރައްޔިތުންގެ ކުރިމަތީގައި ތަފްސީލުކޮށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭ ހުރަސްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން ހާމަކުރައްވަމުން، އިދިކޮޅު ފަރާތްތަކުން މިފަދަ އިސްލާހުތަކާ ދެކޮޅުހެދުމަކީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަހެވެ. އެއީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަތްދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450