ޚަބަރު
މިއަދު އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ މިނިވަންކަން ދެމެހެއްޓުން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ރަސްމީކޮށް ބާއްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ޢިއްޒަތްތެރި ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ސްކޫލް ކުދިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމެވެ. މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވީ ބަޠަލުންނަށް ހެޔޮދުއާ ރައްދުކުރަން!
— Dr Mohamed Muizzu (@MMuizzu) July 26, 2026
މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން… pic.twitter.com/86Fn3eBqcO
ރަސްމިއްޔާތުގެ ތެރެއިން ކޯއްޓޭއަށް ދިދަ ނެގުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭންޑް ޕާޓީން ވަނީ ޤައުމީ ސަލާމް ކުޅެފައެވެ. ޤައުމީ ސަލާމަށްފަހު، މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.
މި ރަސްމިއްޔާތަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ޤައުމީ ފެންވަރުގައި ބާއްވަމުން އަންނަ ވަރަށް މުހިންމު ރަސްމިއްޔާތެކެވެ.