ޚަބަރު
ހިންމަފުށީގައި ތަރައްގީކުރި އައުޓްޑޯ ޖިމުގެ މަސައްކަތް ނިމިއްޖެ
ހިންމަފުށީގައި ތަރައްޤިކުރި އައުޓްޑޯ ޖިމް. ފޮޓޯ: އެމްޓީސީސީ
ކ. ހިންމަފުށީގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ސަރުކާރުން ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދީފައިވާ ގޮތުގައި، ހިންމަފުށީ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތްތައް ނިމިފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއު ނިމުމާއެކު މިހާރު ކުރިއަށްދަނީ ޖިމް ރަސްމީކޮށް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީގެ އިތުރުން، ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
ސަރުކާރުން މިފަދަ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދެނީ ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އާއިލީ ގުޅުންތައް ހަރުދަނާކުރުމުގެ މަގްސަދުގައެވެ. މިއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.
Project Update: Replacement of Outdoor Gym Equipments at K. Hinmafushi
— MTCC Plc (@MTCCPlc) July 1, 2026
Physical works for the project have been completed on 13th June 2026.
Follow more updates at: https://t.co/SfVAzkVuzR#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/8b0JDRSi1N
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން، 71 ރަށެއްގައި ޖިމް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން އެޗްޑީސީންވެސް އަންނަނީ 71 ރަށެއްގައި މި މަޝްރޫއުތައް ހިންގަމުންނެވެ.
އެޗްޑީސީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމާއި، 13 ރަށެއްގައި ހުރި ޖިމްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި މަސްތެރޭގައި ވަނީ ފަށާފައެވެ.