ޚަބަރު
ވެރިކަމުގެ ހުވަފެނާއި މުންޑުގެ ބަހުސް: ޔާމީނާއި ނަޝީދުގެ ސިޔާސީ ހަނީމޫން ނިމުމަކަށް!
ފޮޓޯ: ފަރުދުން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދުނު ސިޔާސީ ގުޅުން ކެނޑި، ދެ ބޭފުޅުންގެ "ސިޔާސީ ހަނީމޫން" ނިމުމަކަށް އަތުވެއްޖެއެވެ.
ނޫސްވެރިން ހިމާޔަތްކުރުމުގެ ނަމުގައި ކުރީގެ ތިން ރައީސުން އެކުގައި ދާދިފަހުން ބޭއްވި ބައްދަލުވުމަކަށްފަހު، ސަރުކާރާ ދެކޮޅަށް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ނިންމި ނިންމުން މިހާރު ވަނީ ބޮޑު ކޯޅުންގަނޑަކަށް ބަދަލުވެފައެވެ. މި ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން ހީނަރުވެ، ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށާފައިވަނީ ރައީސް ޔާމީން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދަށް އަމާޒުކުރެއްވި "މުންޑުގެ" ހަޖޫއަކާ ގުޅިގެންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޭގައި ބައިންދާނެ ކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ދަޢުވާއަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، މިއަދު ނަޝީދު އަމިއްލަފުޅަށް އޮންނަވަން ޖެހިވަޑައިގަތީ "މުންޑު އަނދެގެން ގޭގައި" ކަމަށެވެ. މީގެ އިތުރުން އެމްޑީޕީއަކީ އެއްވެސް އުރަޕެއް ނެތް ނުކުޅެދޭ ޕާޓީއެއްގެ ގޮތުގައި ވެސް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.
ޔާމީންގެ މި ހަމަލާއަށް ނަޝީދުގެ ސަޕޯޓަރުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އެ ފަރާތްތަކުން ބުނަމުންދަނީ ޔާމީނަކީ ފާނޫޒެއްގެ ފަނޑު އައްޔަށް ވުރެ ވެސް ފަނޑު ބޭފުޅެއް ކަމަށާއި، ސިޓިން ރޫމެއްގައި ދެ އަހަރު ދުވަހު އިނދެގެން ކުރި އިދިކޮޅު ލީޑަރުގެ ދައުރު މިހާރު މާޒީވެފައިވާ ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގެ ހިތްދަތި ހަނދާންތައް ރައްޔިތުން އަދިވެސް ހަނދާން ނުނެތޭ ކަމަށާއި، ދެން ދުވަހަކުވެސް އެމަނިކުފާނަށް ވެރިކަމަށް ނާދެވޭނެ ކަމަށް ބުނެ ނަޝީދުގެ ފަޅިން ވަނީ ޔާމީނަށް ރައްދު ދީފައެވެ.
މި ބަހުސްތަކުގެ ސަބަބުން، ކުރިން ފެނުނު ސިޔާސީ އެކުވެރިކަން މިހާރު ވަނީ ބޮޑު ދެކޮޅުވެރިކަމަކަށް ބަދަލުވެފައެވެ. ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރު ބަލިކޮށް ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށް އަމިއްލައަށް އެއްބަސްފުޅުވެފައެވެ. އަދި އެމްޑީޕީގައި ވެސް އެފަދަ އެއްވެސް ހިތްވަރެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިއްޖެނަމަ ރައީސް މުޢިއްޒު ގޭގައި ބަހައްޓަވާނެ ކަމަށް ވިދާޅުވާ ވާހަކަފުޅަށް ރައްދު ދެއްވަމުން ޔާމީން ވަނީ އެކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.
މި ސިޔާސީ ކޯޅުންތައް މިހާރު ބޮޑުވެފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ހިނގާ ކަންކަމަށް މާ ބޮޑަށް ސަމާލުކަމެއްނުދެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖެ ކުރިއަރުވައި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމެވެ. ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓްތައް އަވަހަށް ނިންމައި، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ އިސް މަޤްޞަދެވެ.