ޚަބަރު
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ބޭނުންވާ ސާވޭ ކުރިއަށްދާގޮތް ވަޒީރު ބައްލަވާލައްވައިފި
ދެ ބޭފުޅުން ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ޗައިނާ އެމްބަސީ
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ބޭނުންވާ ޑިޒައިންތައް ތައްޔާރުކުރުމުގެ ކުރިން ހަދަންޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާގޮތް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައްލަވާލައްވައިފިއެވެ.
ވަޒީރު މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވަލެއްވީ ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާއި އެކު އާޓިފިޝަލް ބީޗު ސަރަހައްދަށް ކުރެއްވި ޒިޔާރަތެއްގައެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސާވޭ ޓީމުގެ ބޭފުޅުން ވަނީ މަސައްކަތްތަކުގެ އިތުރުން، މަގު ޑިޒައިން ކުރުމާ ގުޅޭ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، މި ދެ ބޭފުޅުންނާއި ހިއްސާކުރައްވާފައެވެ.
ޒިޔާރާތުގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވެފައިވަނީ، މަގުތަކުގެ ތަފްސީލީ ޑިޒައިން މަސައްކަތުގެ ތެރޭގައި، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ އިތުރުން ދެން ހުރި މައްސަލަތަކަށް ގެނެވޭނެ ޙައްލުތައް ވެސް ބަލައި ދިރާސާ ކުރައްވާނެ ކަމަށެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއަކަށްވީއިރު، މި ކަމަށް ޓަކައި ޗައިނާ ރެއިލްވޭ ޑިޒައިން ކޯޕަރޭޝަންގެ ތަޖުރިބާކާރުންގެ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ ތެރޭގައިކަމަށް ވާއިރު، މި މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމަށްޓަކައި ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ދެ ގައުމުން ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުކޮޅުގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ހިންގާ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.