Ads by Farudhun

ޚަބަރު

ދިވެހި އުފެއްދުންތެރި ކޮންޓެންޓަށް ޚާއްސަ މާކެޓް ޕްލޭސް އާންމުންނަށް ހުޅުވާލައިފި

ދިވެހި އުފެއްދުންތެރި ކޮންޓެންޓަށް ޚާއްސަ މާކެޓް ޕްލޭސް އާންމުންނަށް ހުޅުވާލައިފި

މާކެޓް ޕްލޭސް ރަސްމީކޮށް ހުޅުވައިދެއްވުން---

farudhun logo

ފަރުދުން

29 ޖޫން 2026، 10:16

29 ޖޫން 2026، 10:16

ދިވެހި އުފެއްދުންތެރިންގެ ހުނަރުވެރި މަސައްކަތްތަކާއި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދައްކުވައިދޭ ވިޝުއަލް ކޮންޓެންޓަށް ޚާއްސަ ގައުމީ ޑިޖިޓަލް މާކެޓްޕްލޭސް "ކްރިއެޓޯލް" ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.

ވިޒިޓް މޯލްޑިވްސް (އެމް.އެމް.ޕީ.އާރު.ސީ) އިން އިސްނަގައިގެން ތަރައްޤީކުރި މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ ފޯރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދާއި، ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ.

"ކްރިއެޓޯލް" އަކީ ރާއްޖޭގެ އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކުގެ އިތުރުން ސަރުކާރުގެ މުވައްސަސާތަކާއި ބޭރުގެ މިޝަންތައް އެއް ފުރާޅެއްގެ ދަށުން ގުޅުވައިދޭނެ ވަސީލަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ފޮޓޯއާއި ވީޑިއޯ ހޯދުމަށް ވަރަށް ގިނަ ވުޒާރާތަކާއި އެމްބަސީތަކުން އަބަދުވެސް އެދެމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް މިކަން ކުރެވެމުން އައީ ވަރަށް "މެނުއަލް" ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވައި، ޝިއުރީ ވިދާޅުވީ "ކްރިއެޓޯލް" ވުޖޫދަށް އައީ މި ނިޒާމު ޒަމާނީކޮށް، ފަސޭހަކަމާއެކު ކޮންޓެންޓް ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

މި މަޝްރޫއުގެ މުހިންމު ބައިވެރިއެއްކަމަށްވާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، މި ޕްލެޓްފޯމަކީ އުފެއްދުންތެރިންގެ މަސައްކަތްތައް ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ޕީއެސްއެމްގައި ގާތްގަނޑަކަށް 50 އަހަރުގެ އަގުހުރި ޑިޖިޓަލް އާކައިވްއެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނިގޮތުގައި، ކްރިއެޓޯލް މެދުވެރިކޮށް އުފެއްދުންތެރިންނަށް "ވެރިފައިޑް ޕްރޮފައިލް" ތަކެއް ހެދޭނެއެވެ. އަދި އަމިއްލަ ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކޮށް، އަމިއްލައަށް އަގު ކަނޑައަޅައި، މަސައްކަތުގެ މިލްކުވެރިކަން ދަމަހައްޓަމުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ކަސްޓަމަރުންނަށް މި ޕްލެޓްފޯމުން ކޮންޓެންޓް ބަލައިލުމާއި، ހިލޭ ހުންނަ ތަކެތި ޑައުންލޯޑްކުރުމުގެ އިތުރުން ލައިސަންސްކޮށްފައިވާ ތަކެތި ގަތުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

"ކްރިއެޓޯލް" އަކީ ހަމައެކަނި ކޮންޓެންޓް ގަނެވިއްކާ ބާޒާރެއް ނޫނެވެ. މިއީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އުފެއްދުންތެރި އިގްތިސާދު ކުރިއަރުވައި، ދިވެހިރާއްޖޭގެ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ބައިނަލްއަގުވާމީ މައިދާނަށް ފޯރުކޮށްދިނުމަށް ހުޅުވުނު މުހިންމު ދޮރެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ސިފަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450