Ads by Farudhun

ޚަބަރު

މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ކުރިޔަށްގެންދިއުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ކުރިޔަށްގެންދިއުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

28 ޖޫން 2026ގައި ބޭއްވި ވަޒީރުންގެ މަޖިލިސް / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

29 ޖޫން 2026، 07:03

29 ޖޫން 2026، 07:03

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބާރުސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމަވާފައިވަނީ 2026 ޖޫން 28 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ނިންމެވި މި ނިންމެވުންތަކުގެ މައިގަނޑު މަގުސަދަކީ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ގާތުން ބަލައި، ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދުމެވެ.

އެގޮތުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް" (PIMS) ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އޭގެ ފަހުން ކޮންމެ ވަގުތަކުވެސް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ސިސްޓަމްތަކުން ފެންނާނެހެން ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ފަންނީ އަދި އިދާރީ ޙައްލު ހޯދައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ކޮންމެ ވުޒާރާއެއްގައިވެސް އެ ވުޒާރާއަކުން ކުރިއަށްގެންދާ މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ބޮޑެތި މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމުމަށްޓަކައި، އެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ އިޤުރާރުވެފައެވެ.

އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ނިންމުމެއްގެ ގޮތުން، 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް (RTL) ފެރީގެ ވިއުގަ ގާއިމުކޮށް ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، އާންމު ރައްކާތެރިކަމަށް ބަލައި، ކެމިކަލް ގުދަންތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުން، މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކެމިކަލް ގުދަން ކުރުމުގެ ހުއްދަ ދެވޭނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުގައި އެފަދަ ތަންތަން ތަރައްޤީކުރުމަށް އެކަނި ކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450