ޚަބަރު
މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ގްރާންޓް ޕްރޮގްރާމެއް
މާލެ. ފޮޓޯ: އިންޓަނެޓު
މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން، ސިޓީ ކައުންސިލްތަކާއި ނުވަތަ ރަށު ކައުންސިލްތަކާއި، ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ގްރާންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލައިފިއެވެ.
މިއީ، ޞިއްހަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާ ގުޅިގެން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" (އެސް.ޖީ.އައި.އައި) މަޝްރޫޢުގެ ދަށުން، ހުޅުވާލާފައިވާ ފުރުސަތެކެވެ.
މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކުން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދެވިގެންދާނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން، ރަޖިސްޓްރީވެފައިވާ އަދި، އެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ހިންގަމުންދާ މަދަނީ ޖަމިއްޔާތަކަށްކަން ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، މަދަނީ ޖަމިއްޔާތަކަށް، ކައުންސިލުތަކާއި އަންހެނުންގެ ޖަމިއްޔާތަކުގެ އިތުރުން، އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާއި ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
މި އެހީ އަމާޒުކުރެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށް ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ އާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއެވެ.
ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށް ކަން ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 1،156،500 ރުފިޔާއެވެ.
އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށް ވެސް ޕްރޮޕޯސަލް ހުށައެޅޭނެއެވެ. އަދި މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 925،000 އެވެ.
މިކަމަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 8 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ކަމަށް ވުޒާރާއިން ބުނެއެވެ، އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރެވިފައިވާނޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.