ޚަބަރު
އަތޮޅު ކައުންސިލުތައް އުވުމުގެ ސަބަބުން ޖުމްލަކޮށް ވަޒީފާތައް ގެއްލިފައެއް ނުވޭ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަތޮޅު ކައުންސިލުތައް އުވިގެން ދިޔުމުގެ ސަބަބުން، ޖުމްލަކޮށް އެތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުގެ ވަޒީފާތައް ގެއްލިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި ހަމައެކަނި ގެއްލިފައިވާނީ ސެކެޓްރީ ގެނެރަލް (އެސްޖީ) ގެ މަޤާމުގައި ތިއްބެވި ބޭފުޅުންގެ ވަޒީފާތަކެވެ. އެއީ މުއައްސަސާއެއް އުވިގެންދާއިރު، އެ މުއައްސަސާއަކާ ހަވާލުވެ ހުންނަވާ ޒިންމާދާރު ވެރިޔާގެ މަޤާމަކީ އުވިގެންދާ މަޤާމެއްގެ ގޮތުގައި ސިވިލް ސަރވިސްއިން ގެންގުޅޭ މިންގަނޑުގެ ދަށުން ކަނޑައަޅާފައި އޮންނާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަތޮޅުކައުންސިލުތައް މިހާރު އެވަނީ ބަދަލުވެފަ އަތޮޅުގަ އެކިކަހަލަ ހިދުމަތްތައް ދޭ އޮފީހަކަށް. އެ ހިދުމަތް ދިނުމަށް ޓަކައި، އެ އޮފީހުގަ އެ މުވައްޒަފުން އެބަ ތިބި. މުސާރައެއް ވެސް ކުޑައެއްނުވޭ. އަޅުގަނޑުމެންމި ބަލަނީ އެ އޮފީސްތައް އެއްވެސްކަހަލަ ތަފާތެއް ނެތި ހިނގުމަށް. މި ދެންނެވީ މުވައްޒަފުންގެ އަދަދު މަދުކުރުމެއް ނެތި އިރާދަ ކުރެއްވީތީ ހިންގުމަށް،"
ރައީސް ވިދާޅުވިއެވެ.
އަދި އަތޮޅު ކައުންސިލުތައް އުވިގެންދިޔަ ނަމަވެސް، އަތޮޅުގެ ވެރިކަންކުރާ ރަށްތަކުގައި ހުރި މުދާތައް އަތޮޅުގެ ރައްޔިތުންގެ އަތުން ނުނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރަށްރަށުގައި ހުންނަ އަތޮޅު ގެތަކާއި ތަންތަން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ނުދާނެކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އުވިގެންދިޔައީ ހަމައެކަނި އަތޮޅު ކައުންސިލުތައް ކަމަށާއި، އެ އަތޮޅުގަ ހުރި އޮފީހުންދޭ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ދެމުންގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި އަތޮޅު ކައުންސިލުތައް އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅާ ވަނީ އެ ބިލި ފާސްކޮށްފައެވެ. އަތޮޅު ކައުންސިލްތަކަކީ ތަރައްޤީއަށް އޮތް ހުރަހެއްގެ ގޮތުގައި މީގެކުރިން ރައީސް ވަނީ ސިފަކުރައްވަވާފައެވެ. އަދި ރައްޔިތުންނަށް އެއްވެސް ފަށަލައެއް ނެތި ބާރުތައް ދިނުމަށް އަތޮޅު ކައުންސިލްތައް އުވާލަން ނިންމަވާފައިވާ ކަމަށް ރައީސް ވަނީ އޭރު ވިދާޅުވެފައެވެ.