Ads by Farudhun

ޚަބަރު

އަލިފުށީ އެއަޕޯޓާއި ހޮސްޕިޓަލް މިދައުރު ތެރޭ ނިންމާ ޚިދުމަތްދޭން ފެށޭނެ: ރައީސް

އަލިފުށީ އެއަޕޯޓާއި ހޮސްޕިޓަލް މިދައުރު ތެރޭ ނިންމާ ޚިދުމަތްދޭން ފެށޭނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު ޕްރެސްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖޫން 2026، 11:25

29 ޖޫން 2026، 11:25

ރ. އަލިފުށީގައި ތަރައްޤީކުރާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ނޫސްވެރިންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން، އަލިފުށީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާކަމަށް ބުނެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. އަދި މިއަހަރުގެ ބަޖެޓުން އެންމެ ގިނަ މަޝްރޫޢުތައް ހަވާލުކުރެވިފައިވާ އަދި ހަވާލުކުރުމަށް ތާވަލުކުރެވިފައިވަނީވެސް މި ދާއިރާއިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ޞިއްޙީ ނިޒާމު އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ވަށާޖެހޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

އަލިފުށީ ހޮސްޕިޓަލް މަޝްރޫޢު
އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ދެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި. އެމްޓީސީސީއަށް ބޭނުންވާ ސާމަނު ގަތުމަށް ބޭނުންވާ ފައިނޭންސް ވަނީ ހަމަޖެހިފައި. މާ ލަސްތަކެއްނުވެ އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއަށް ބޭނުންވާ ސާމާނު ހޯދާ މަސައްކަތް ފެށިގެންދާނެ. މި ދެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމާ ހުޅުވާނަން."

އަލަށް އިމާރާތްކުރާ މި ހޮސްޕިޓަލަކީ ކޯވިޑް ފަދަ ބަލިތައް ފެތުރޭ ޙާލަތްތަކުގައިވެސް ޚިދުމަތް ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމަށް ސޯލަރ ޕީވީ ސިސްޓަމްވެސް މި ހޮސްޕިޓަލުގައި ހަރުކުރެވޭނެއެވެ.

އަލިފުށީ އެއާޕޯޓް މަޝްރޫޢު
އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިކޮށް އޮންނަ އަލިފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. މި މަޝްރޫޢަށްޓަކައި 50.5 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މީގެ ތެރެއިން 80 އިންސައްތަ ބޭނުންކުރާނީ އެއާޕޯޓު ހެދުމަށެވެ. ބާކީ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމާއި އިޤްތިޞާދީ މަސައްކަތްތަކަށެވެ.

ދައުލަތުގެ ބަޖެޓުން 426.05 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، އެޕްރަން، ޓެކްސީ ވޭ، ޓާމިނަލް އިމާރާތް އަދި ފަޔަރ ބިލްޑިންގ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލިފުއްޓަކީ ސަރަޙައްދީ ތަރައްޤީގައި މުހިންމު ރަށަކަށް ވުމާއެކު، އެރަށަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކެއް ޚާއްޞަ ސަމާލުކަމެއް ދީގެން ފުއްދަވާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450