ޚަބަރު
ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފި
މައްސަލައިގައި ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އަލް ނޫމާން (31އ) އާއި ރަކީބުލް ހަސަން ޕަޕޫން (20އ) އެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ. އަދި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ބަނގުރާ ފުޅި ފެނިފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ.
މައްސަލައާއި ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އަލް ނޫމާންގެ ބަންދަށް 5 ދުވަސް ޖަހާފައެވެ. އަދި ރަކީބުލް ހަސަން ޕަޕޫންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތުދެއެވެ.