ޚަބަރު
ބޭކާރު ޚަރަދަކީ ޕްލޭނެއް ނެތި އައްޑޫގައި އެޅި ކޮންވެންޝަން ސެންޓަރު! - މުންދު
މުޙައްމަދު ޙުސައިން ޝަރީފް (މުންދު) - ފޮޓޯ: ރައީސް އޮފީސް
ބޭކާރު ޚަރަދަކީ ޕްލޭނެއް ނެތި އައްޑޫގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އެޅުއްވި ކޮންވެންޝަން ސެންޓަރު ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، މުންދު ދެއްވި ރައްދުގައި، ބޭކާރު ޚަރަދަކީ ކޮބައިކަން ވަނީ ސާފުކޮށްދެއްވާފައެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ފަރުދުން" ގެ ނޯސްވެރިޔާ ކުރި ސުވާލަކާއި ގުޅިގެން މުންދު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ސަބަބުން މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، އޭގެ ފައިދާ މިއަދު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. މާލޭގެ ވަށައިގެންވާ މަގުތަކުގެ ޓްރެފިކް ފްލޯ ރަނގަޅުވުމަކީ މާލޭގެ އެތެރޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ވެސް ލިބޭނެ ދާއިމީ ހައްލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ، ހަގީގީ ބޭކާރު ޚަރަދަކީ 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށްޓަކައި އެއްވެސް ދާއިމީ ޕްލޭނެއް ނެތި ބޮޑު ހޭދައެއްކޮށްގެން އެޅި ކޮންވެންޝަން ސެންޓަރު ކަމަށެވެ.
"ބޭކާރު ހަރަދަކީ ސާކް ސަމިޓެއް ބާއްވަންވެގެން ބޮޑު މާސް ލޭންޑެއް ކޮނެ، އެތަނުގައި އިމާރާތެއް އަޅައި ކަމެއްކުރާނެ ވިސްނުމެއްނެތި އިމާރާތެއް އަޅަން މާލިއްޔަތުން ހަރަދުކުރުން. އަޅުގަނޑުގެ ނަޒަރުގައި އެއީ ބޭކާރު ހަރަދަކީ،"
މުންދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ބޭންކުތަކާއި، އޮފީސްތަކާއި، ވިޔަފާރިތަކަށް ފަސޭހަވާނެހެން މަގުތައް ހެދުމަކީ އެއްގޮތަކަށް ވެސް ބޭކާރު ޚަރަދެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބިނާކުރި އެ ކޮންވެންޝަން ސެންޓަރު، ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހަލާކުވާން ދޫކޮށްލާފައި އޮތުމަށްފަހު، ރައީސް ޔާމީންގެ ވެރިކަމުގައި އެތަން ވަނީ ޒަމާނީ ހޮސްޕިޓަލަކަށް (އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ނަމަށް ބަދަލުކޮށްފައެވެ.
މި ސަރުކާރުގެ ތަރުޖަމާނު މިފަދަ ރައްދެއް ދެއްވާފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުހއްމަދު މުއިއްޒުގެ ސަރުކާރުން މުޅި ރާއްޖެ ތަރައްގީކޮށް ރައްޔިތުންނަށް ފަށެހަ ވާނެ ފަދަ ގޮތަކަށް މަސައްކަތް ކުރަމުން ދާނީ އިދިކޮޅު ފަރާތްތަކުން ދަނީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް ދައްކަވަމުންނެވެ. އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ފަރާތްތަކަެއް ނެތް ކަމަށާއި، މިހާރު އިދިކޮޅުގައި ތިއްބެވީ ހުރިހާ ކަމަކަށް އިދިކޮޅު ފަރާތްތަކެއް ކަމަށެވެ.
ގައުމަސް ކިތަންމި ރަނގަޅު ކަމެއް ގެނެސްދެއްވިއަސް އެކަންކަން އިދިކޮޅު ފަރާތްތަކަށް ގޯސްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.