Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަކީ ބޭކާރު އިސްރާފެއް: ނަޝީދު

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަކީ ބޭކާރު އިސްރާފެއް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ:ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

27 ޖޫން 2026، 11:32

27 ޖޫން 2026، 11:32

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ނަޝީދު މި މަޝްރޫއަށް ފާޑުވިދާޅުވީ، ޕީއެންސީގެ އެކްޓިވިސްޓެއް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި އެ ޕޯސްޓަށް ކޮމެންޓް ކުރައްވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި މަގުތަކުގައި ތާރު އެޅުމަކީ ރީތި މަންޒަރެއް ނޫން ކަމަށާއި، މަގުތައް ރީތިކުރެވެން އޮތީ ގަސް އިންދައިގެން ކަމަށެވެ. އަދި އުޅަނދު އެތެރެ ކުރުން ކޮންޓްރޯލް ކުރުމެއް ނެތި، ޓްރެފިކާއި ޕާކިންގެ މައްސަލައަށް ހައްލެއް ނުހޯދައި މަގު ފުޅާކުރުމަކީ ފައިސާ ބޭކާރު ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި މަޝްރޫއަކީ މާލޭގެ ތޮއްޖެހުމަށް އޮތް ބޮޑު ހައްލެއް ކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ މަގު ހަދާއިރު ކުރިއަށްވުރެ ގިނައިން ގަސް އިންދައި އެ ސަރަހައްދު ފެހިކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ވަނީ އުޅަނދު އެތެރެކުރުމުގެ އުސޫލުތައް ހަރުކަށިކޮށް، ޓްރެފިކް މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޕާކިންއަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ.

"މަގުން ބޭރަށް މި ނެރޭ ބައިގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހުމުން، މަގުމަތީގައި ޕާކުކުރާކަށް ނުޖެހޭނެ. އޭރުން ދެ ލޭނަށް ދުއްވޭ ގޮތަށް މަގު ހުޅުވި، މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ،"

ރައީސް ވިދާޅުވިއެވެ.

އެމް.އެމް.އޭ އިން ފެށިގެން މާލޭ ބަނދަރާ ހަމައަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މިހާރުވެސް ބާޒާރުމަތީގެ ތޮއްޖެހުމަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ޓެކްސީ ދުއްވާ މީހުންނާއި، ބޯޓުތަކުގެ މީހުން ބުނަމުން ދަނީ މި ކަމަކީ ވޭތުވެ ދިޔަ 45 އަހަރު ތެރޭވެސް ނުވެ އޮތް ކަމެއް ކަމަށާއި، މި ކަމުގެ ސަބަބުން އެތަކެއް ލުޔެއް މުދާ އެރުވުމަށާއި، ޓެކްސީ ދަތުރުފަތުރުކުރުމަށް ލިބިފައިވާ ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450